ބިދޭސީން ރާއްޖެ ގެނައުމަށް ކުންފުނި ތަކުން ޑިޕޮސިޓްގެ ގޮތުގައި ބަހައްޓާފައިވާ ފައިސާ އަންނަ އާދީއްތަ ދުވަހުން ފެށިގެން ދޫކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ބިދޭސީން ގެންނަން ބަހައްޓާ ޑިޕޮސިޓް ފައިސާ ދޫކުރުން މެދުކަނޑާލާފައިވަނީ 24 މާޗް 2019 ގައި އިމިގްރޭޝަންގެ ބައެއް ހިދުމަތްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުންނެވެ. ޑިޕޮސިޓް ފައިސާ އަލުން ދޫކުރަނީ އިކޮނޮމިކް މިނިސްޓްރީގެ ލޭބަ ޑިޕާޓްމަންޓުގެ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުންނެވެ.
މި ފައިސާ ދޫކުރަނީ ބިދޭސީ މީހާ ރާއްޖެ އިން ފުރުން ނޫނީ ވަޒީފާ ދިން ފަރާތް ބަދަލުވެ އެޕްލޯއީމަންޓް އެޕްރޫއަލް ކެންސަލް ކުރުމެވެ.
މިނިސްޓްރީގެ ލޭބަ ޑިޕާޓްމަންޓުގެ ފައިނޭންސް އޮފިސަރު އައިމިނަތު ޝައުޝަން އަވަސްއަށް ވިދާޅުވީ އާދީއްތަ ދުވަހުން ފެށިގެން ބިދޭސީންގެ ޑިޕޮސިޓް ފައިސާ އަލުން ދޫކުރަން ފަށާއިރު މިހާތަނަށް ފައިސާ ހޯދަން ލާފައިވާ 15،000 ފޯމް ކެންސަލް ވާނެ ކަމަށެވެ.
"މިއީ ކުންފުނި ތަކަށް ވަރަށް ބޮޑު ދައްޗަށް ވާނެ. ނަމަވެސް އާ ސިސްޓަމުން މުސްތަގުބަލުގައި ފަސޭހަ ވެގެންދާނެ. އަލުން ރީފަންޑު ދޫކުރަން ފަށާއިރު، 12،000 އާއި 15،000 އާ ދެމެދުގެ އަދަކަށް ފޯމް ލާފައި އެބަހުރި އިމިގްރޭޝަން އާއި މިނިސްޓްރީ އަށް. ނަމަވެސް އެ ފޯމްތައް ވެސް ބާތިލް ވެގެންދާނެ،" ވިދާޅުވި އެވެ.
އާ ސިސްޓަމުން ބޮޑު ފަސޭހައެއް
ޝައުޝަން ވިދާޅުވީ މިހާރު ތައާރަފު ކުރި އާ ސިސްޓަމްގެ ސަބަބުން މި ހިދުމަތް ހޯދާ ފަރާތް ތަކަށް ފަސޭހަވެ ހިދުމަތް ދޭން ނަގާ ވަގުތުވެސް އަވަސް ވެގެންދާނެ ކަމަށެވެ.
"ކުރިން ހުށަހަޅަން ޖެހޭ ފައިސާ ދެއްކި ރަސީދު. އެ ގެއްލިޖެއްޔާ ވަރަށް ދަތިވެގެންދޭ. ގެއްލިއްޖެ ނަމަ ދެން ޖެހޭނީ ސިޓީއެއް ހުށަހަޅަން. ނަމަވެސް އާ ސިސްޓަމްގެ ސަބަބުން ފަސޭހަ ވެގެން ދާނެ. މިހާރު އޮންނަ ގޮތުން ފޯމްތައް ހިފައިގެން ކައުންޓަރަށް ގޮސް ވަކިން ފޯމު ލާން ޖެހޭނީ. ހަމަ މިއާއެކު ހުށަހަންޖެހޭ ޑޮކިއުމެންޓްތައް ވެސް އެހާ ގިނަ. ނަމަވެސް މިހާރު ހުށަހަޅަން ޖެހޭނީ ހަމައެކަނި އެމްޕްލޯޔާގެ ބޭންކް ވެރިފިކޭޝަނެއް. ކުންފުންޏެއްނަމަ ކުންފުނީގެ ޗެކުގެ ސްކޭން ކޮޕީއެއް. ބޭންކް ސްޓޭޓްމަންޓު. ނޫނީ ބޭންކުން ދޭ ލިއުމެއް،" ޝައުޝަން ވިދާޅުވި އެވެ.
ފައިނޭންސް އޮފިސަރު އައިމިނަތު ސަބާ ވިދާޅުވީ މި ސިސްޓަމްގެ ސަބަބުން ކަސްޓަމަރަށް ފައިސާ ޖަމާވިކަން ނޭނގިގެން ދިމާވާ ދަތިތަކަށް ވެސް ހައްލު ލިބިގެންދާނެ ކަމަށެވެ.
"އާދިއްތަ ދުވަހުން ފެށިގެން އަޅުގަނޑުމެން ސިސްޓަމަށް އަޕްޑޭޓް ކުރާނަން. އޭރުން ކަސްޓަމަރުންގެ ފޯނަށް މެސެޖު ވެސް ލިބޭނެ،" ސަބާ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ދެން ދޫކުރަން ފަށަން ތައްޔާރު ވަމުން ގެންދަނީ މީރާ އަށް ދައްކާފައިވާ ފައިސާގެ ރީފަންޑު ވެސް ދޫކުރުމަށް ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ދާދިފަހުން ހާމަކުރި މައުލޫމާތު ތަކުން އެނގޭ ގޮތުގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ އާބާދީ ވަނީ 250،000 އަށް އަރާފަ އެވެ.