ޓޫރިސްޓް އެރައިވަލް

ބޯޑަރު ހުޅުވިތާ 10 ދުވަސް: ރާއްޖެ އައީ 904 ފަތުރުވެރިން

ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވި ފަހުން މިހާތަނަށް ރާއްޖެ އައިސްފައިވަނީ 904 ފަތުރުވެރިން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. މަސްތަކަކަށްފަހު އަލުން ބޯޑަރު ހުޅުވީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވަނީ މިދިޔަ 10 ދުވަސްތެރޭ ރާއްޖެ އައި ފަތުރުވެރިންގެ ތަފާސް ހިސާބު އާންމުކޮށްފައެވެ. މިއަދާ ހަމައަށް ރާއްޖެ އައިސްފައިވަނީ 904 ފަތުރުވެރިންނެވެ. ގިނައީ އިނގިރޭސި ރައްޔިތުންނެވެ. ދެން އެންމެ ގިނައިން އައީ އެމެރިކާ މީހުންނެވެ. ތިންވަނާގައި އޮތީ ޖަރުމަނެވެ.

ރާއްޖެ އައި ފަތުރުވެރިންގެ ތަފާސް ހިސާބް

  • އިނގިރޭސިވިލާތް - 117 ފަތުރުވެރިން
  • އެމެރިކާ - 106 ފަތުރުވެރިން
  • ޖަރުމަން - 73 ފަތުރުވެރިން
  • ސުވިޒަލޭންޑް - 45 ފަތުރުވެރިން
  • ރަޝިޔާ - 45 ފަތުރުވެރިން
  • ފިލިޕީންސް - 35 ފަތުރުވެރިން
  • ޔޫއޭއީ - 31 ފަތުރުވެރިން
  • ސުޕެއިން - 31 ފަތުރުވެރިން
  • ހަންގޭރީ - 30 ފަތުުރުވެރިން
  • މިސްރު - 23 ފަތުރުވެރިން
  • އެހެނިހެން ގައުމުތަކުން - 368 ފަތުރުވެރިން

ބޯޑަރު ހުޅުވާލުމާއެކު ގަތަރުގެ ވެރިރަށް ދޯހާ އިން އައި ފްލައިޓުން ރާއްޖެ އައީ 104 ފަތުރުވެރިންނެވެ. މިއީ އަލުން ރާއްޖެ ހުޅުވާލުން ރާއްޖެ އައި ފުރަތަމަ ފަތުރުވެރިންނެވެ.

މިމަހު 10،595 ޓޫރިސްޓުން އަންނާނެ ކަމަށް ގައުމީ ޔުނިވާސިޓީ އިން ހެދި ދިރާސާއަކުން ވަނީ ދައްކާފަ އެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި މި އަހަރު ބާކީ އޮތް މަސްތަކުގައި ޖުމްލަ އަންނާނެ ކަމަށް ބެލެވެނީ 450،134 މީހުންނެވެ.