އިނގިރޭސިލާތުގެ ރައްކާތެރިކަމުގެ ލިސްޓަށް ރާއްޖެ ލުމާއެކު، އެ ގައުމުން ލިބޭ ބުކިންތައް އިތުރު ވެގެން ގޮސްފައިވާ ކަމަށް ބޭރުގެ ބައެއް ޓުއާ އޮޕަރޭޓަރުން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ އެޑްވާންޓޭޖް ޓްރެވަލް ޕާޓްނާސް ލެޝާ ޑިރެކްޓަރު ކެލީ ކުރީކްސް ޓްރެވަލް ވީކްލީއަށް ވިދާޅުވެފައިވާ ގޮތުގައި އިނގިރޭސި ޓްރެވަލް ސޭފް ލިސްޓަށް ރާއްޖެ އެރުވުމާއެކު އެ ގައުމުން އަންނަ ބުކިންތައް 600 ޕަސެންޓް އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ.
އެހެން ޓުއާ އޮޕަރޭޓަރެއް ކަމަށްވާ އައިސް ލޮލީ އިން ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުން ލިބެމުންދާ ބުކިންތައް ނިމިދިޔަ ހަފުތާގައި އެކަނިވެސް 61 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
ކޮވިޑް-19 ގެ މި ހާލަތުގައި އިނގިރޭސިން ދަތުރު ކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ. އިނގިރޭސި ސަރުކާރުން އެ ގައުމުގެ ޓްރެވަލް ކޮރިޑޯ ލިސްޓުގައި ރާއްޖެ ހިމެނުމާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރު ކުންފުނި ކަމަށްވާ ކޯނީ އިން ބުނެފައިވާ ގޮތުގައި ދުނިޔޭގައި އޮތް އެންމެ މަގުބޫލު މަންޒިލު ކަމަށްވާ ރާއްޖެ އަށް ދަތުރުކޮށްފައި އެނބުރި ގައުމަށް ގޮސް މިހާރު ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ. މިއީ ބޮޑު އުފަލެއްގެ ގޮތުގައި އެ ކުންފުނިން ބުނެފައިވެ އެވެ.
ނަމަވެސް، އެ ގައުމުން ޑައިރެކްޓް ފްލައިޓްތައް މަދުވުމުގެ ސަބަބުން ރާއްޖެ އަންނަން ތިބި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިވަގުތު އެ ގައުމުން ޑިރެކްޓް ފްލައިޓުގެ ގޮތުގައި އަންނަނީ ބްރިޓިޝް އެއާވޭސް އެކަންޏެވެ.
ކޮވިޑް-19 އަށްފަހު ބޯޑަރު ބަންދު ކުރުމަށްފަހު މާޗް 15 ގައި ހުޅުވާލުމާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. މިހާރު ދުނިޔޭގެ މަޝްހޫރު ޓްރެވަލް މަންޒިލްތަކުގެ ތެރެއިން ބޯޑަރު ހުޅުވާފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. އެހެންވެ ގިނަ އެއާލައިންތަކުން ދަނީ ރާއްޖެ އަށް ދަތުރު ފަށަމުންނެވެ. މިހާތަނަށް މަޝްހޫރު ގިނަ އެއާލައިން ތަކުން ވަނީ ދަތުރު ފަށާފަ އެވެ. މީގެ ތެރޭގައި އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިނގިރޭސިވިލާތުގެ ގައުމީ އެއާލައިން ބްރިޓިޝް އެއާވޭސް ވެސް ހިމެނެ އެވެ.