މިއަހަރު އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖު މެޗުތައް، ސަރަހައްދީ ޒޯނަށް ނިސްބަތްވާ ކޮންމެވެސް އެއް ގައުމެއްގައި ބާއްވަން އޭއެފްސީން ނިންމައިފި އެވެ.
އޭއެފްސީ އެގޮތަށް ނިންމީ، ކޮވިޑް-19 އާ ގުޅިގެން ބައެއް ގައުމުތަކަށް ދަތުރު ކުރުމުގައި އަދިވެސް އުނދަގޫތަކެއް ހުރުމުންްނެވެ. ކޮވިޑާ ގުޅިގެން ބައެއް ގައުމުތަކުގައި އަދިވެސް އޮތީ ލޮކްޑައުން ފިޔަވަޅުތައް އަޅާފަ އެވެ.
މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖު ވަކި ހިސާބކށް ކުޅުނު ފަހުން ގައުމުތަކުގައި ކޮވިޑް ފެތުރެން ފެށުމުން އޭއެފްސީން މުބާރާތް މެދުކަނޑާލި އެވެ. މުބާރާތް އަލުން ފަށަން ނިންމީ ގުރޫޕް ސްޓޭޖުގެ ބާކީ މެޗުތައް އެ ޒޯނެއްގެ ކޮންމެވެސް އެއް ގައުމެއްގައި ކުރިއަށްގެންދާ ގޮތަށެވެ.
އެގޮތުން ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ޒޯންގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހުށަހެޅުމުން އޭއެފްސީން ރާއްޖެ ގެ ބިޑް ގަބޫލުކޮށް ދެކުނު އޭޝިއާގެ ޒޯން އޯކްޓޯބަރުގައި ރާއްޖޭގައި ބާއްވަން ނިންމިއެވެ. އެހެންނަމަވެސް ބައެއް ޒޯންތަކުގައި މުބާރާތް ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތުމުން މުބާރާތް ކެންސަލް ކުރުމަށް އޭއެފްސީން ނިންމި އެވެ.
އޭއެފްސީގެ ޕްރީމިއަމް ކުލަބު މުބާރާތް އޭއެފްސީ ޗެމްޕިއަންސް ލީގްގެ މެޗުތައް ވެސް އޮންނާނީ އެއް ޒޯން ހިމެނޭ ކޮންމެވެސް އެއް ކުލަބެއް ނިސްބަތްވާ ގައުމުގަ އެވެ. ޗެމްޕިއަންސް ލީގް ގުރޫޕް ސްޓޭޖު މެޗުތައް އޮންނަނީ އޭއެފްސީ ހުޅަނގު ޒޯން އާއި އިރުމަތީ ޒޯންގަ އެވެ.
އޭއެފްސީ ކަޕްގައި ގުރޫޕް ސްޓޭޖް ކުރިއަށް ދާނީ ފަސް ޒޯނެއްގަ އެވެ. ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅޭނީ އެއް ފަހަރު އެވެ. ރާއްޖެ ހިމެނޭ ދެކުނު ޒޯންގެ ގުރޫޕް ސްޓޭޖް މެޗުތައް އޮންނާނީ މެއި 14 އިން 20 އަށެވެ. އޭގެ ކުރިން ކޮލިފައިން ބުރު އޮންނާނެ އެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ރާއްޖެއިން ސީދާ ޖަގާ ލިބިފައި ވަނީ ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަން މާޒިޔާ އަށެވެ. ރަނަރަފް އީގަލްސް ވާދަ ކުރާނީ ކޮލިފިކޭޝަން ރައުންޑްގަ އެވެ.
ކޮލިފިކޭޝަން ރައުންޑްގެ ފުރަތަމަ ބުރު ކަމަށްވާ، ޕްރިމިލިނަރީ ސްޓޭޖުގެ ރައުންޑް އެކެއް އޮންނާނީ އޭޕްރީލް ހައެއް އަދި ހަތެއްގަ އެވެ. ރައުންޑް ދޭއް އޮންނާނީ އޭޕްރީލް 14 ގަ އެވެ. އީގަލްސް ވާދަ ކުރާނީ ރައުންޑް އެކެއްގަ އެވެ. އެ ކުލަބާ ވާދަ ކުރަން ޖެހޭނެ ޓީމެއް މިއަދު ކަށަވަރު ވާނެ އެވެ.
ރައުންޑް އެކަކުން މޮޅުވާ ދެ ޓީމު ވާދަ ކުރާނީ ރައުންޑް ދޭއް ގަ އެވެ. ރައުންޑް ދޭކަށް މިހާރުވެސް ސީޑް ކޮށްފައި ވަނީ އިންޑިއާގެ ބެންގަލޫރު އެފްސީ އަދި ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އެވެ. ޕްރިލިމިނަރީ ރައުންޑްގެ ސްޓޭޖު ދޭކުން މޮޅުވާ ދެ ޓީމު ޕްލޭއޮފް ގައި ވާދަ ކުރާނެ އެވެ. ޕްލޭއޮފްއިން މޮޅުވާ ޓީމު ގުރޫޕް ސްޓޭޖަށް ކޮލިފައި ވާނެ އެވެ.
ގުރޫޕް ސްޓޭޖުން މިހާރު ޖަގަ ލިބިފައިވާ ތިން ޓީމަކީ، މާޒިޔާ، އިންޑިއާގެ އައި ލީގްގެ ޗެމްޕިއަން މޯހަން ބަގާން، އަދި ބަންގުލަދޭޝްގެ ޗެމްޕިއަން ބޮށުންދަރާ ކިންގްސް އެވެ. ގުރޫޕްގެ އެއް ވަނަ ހޯދާ ޓީމު ކޮލިފައި ވަނީ އިންޓަ ޒޯންގެ ޕްލޭ އޮފް ސެމީ ފައިނަލު ބުރަށެވެ.