މާލޭ ސިޓީ ކައުންސިލް

ފުޑްކޯޓް ސަރަހައްދުގައި ޖެހި ދަގަނޑުތައް ނަގަނީ

މިރުޒާ މުނީރު ކިޔާ، އެހީއަށް ބޭނުންވާ މީހަކު މީހަކު އިއްޔެ ސޯޝަލް މީޑިޔާގައި ޕޯސްޓެއް ޝެއާކުރި އެވެ. ރައިވެރިބޭ ފުޑް ކޯޓް ސަރަހައްދަށް އޭނާ ވަންނަން ގޮސް، އެތާ ޖަހާފައިވާ ދަގަނޑު ހޮޅި ތަކުގެ ސަބަބުން އެތަނަށް ނުވަދެވުމުން އެކަމާ ހިތާމަކޮށްފައި ވެއެވެ.

މިހާރު އެ މައްސަލައަށް ހައްލު ހޯދައި ދޭން އެ ހޮޅިތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސުލުން ވަނީ ފަށާފަ އެވެ.

މިރުޒާގެ ޕޯސްޓަށް ފޭސްބުކްގައި 500 އަށް ވުރެ ގިނަ ޝެއާ ލިބިފައި ވާއިރު ސިޓީ ކައުންސިލުން އެ ސަރަހައްދުގައި ދަގަނޑު ޖެހުން ގިނަ ބަޔަކު ވަނީ ކުށްވެރި ކޮށްފަ އެވެ. އަދި ވަރަށް ގިނަ ބަޔަކު އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔާ ޝަމާއު ޝަރީފް ވިދާޅުވީ އެ މައްސަލައާއި ގުޅޭ ކަންކަން ސިޓީ ކައުންސިލުގެ ސްޓާފުން ބަލަމުން ގެންދާ ކަމަށާއި އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އޮޅިގެން ވީ ކަމެއް ކަމަށާ އެކަމަށް މާފަށް އެދޭ ކަމަށެވެ. އަދި އެކަމަށް ހައްލު ހޯދައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ހޮޅިތައް ނަގާ ފޮޓޯއެއް ހިއްސާކޮށް މައްސަލަ ހައްލު ކުރާ ކަމަށް ބުނެފަ އެވެ. ސިޓީ ކައުންސިލުން ފުޑް ކޯޓު ސަރަހައްދުގައި ދަގަނޑު ހޮޅިތައް ޖަހާފައި ވަނީ އެތާގެ ތެރެއަށް ސައިކަލުގައި ނުވަދެވޭ ގޮތް ހަދާށެވެ.