ކުޅިވަރު

ނާދު އާމެދު ސަސްއިން ކަންކުރީ ރަނގަޅަކަށް ނޫން: ޝާޒް

ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗް ކަމުން، އަހްމަދު ނާޝިދު (ނާދު) ވަކި ކުރުމުގައި އެކުލަބުން ކަންކަން ކުރީ ރަނގަޅަށް ނޫން ކަމަށް ޓީސީ ސްޕޯޓްސްގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނެފި އެވެ.

މިދިޔަ ހަފުތާގައި ސަސް އިން ވަނީ ނާދު ކޯޗް ކަމުން ދުރު ކޮށްފަ އެވެ. ނާދު އާއެކު ހަދާފައިވާ ކޮންޓްރެކްޓް ސަސްއިން އުވާލި ސަބަބެއް އެ ޓީމުން ނުބުނެ އެވެ. ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރު ނިމެން ކައިރިވެފައި ވަނިކޮށް ސަސްގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ، ކުލަބު އީގަލްސްގެ ކުރީގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އެވެ.

ސަސްއިން ނާދުގެ ކޮންޓްރެކްޓް އުވާލުމުގެ ކުރިން، މީޑިއާގައި ވާހަކަ ދައްކަމުން ނާދު ބުނީ، ކުލަބުގެ ޓާގެޓް ހާސިލު ވަމުންދާ ކަމަށާއި އޭނާ އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އޭނާ ބޭނުންވެގެން މަގާމުން ވަކި ނުވާނެ ކަމަށް ނާދު އޭރު ބުންޏެވެ. ސަސްއިން ނާދު އާ ހަވާލު ކުރީ ގަދަ ހައެއްގެ ތެރޭގައި އޮތުމަށެވެ. އޭނާގެ ކޯޗް ކަމުން ސަސް ބަލިވީ މާޒިޔާ އަތުން އެކަންޏެވެ. ޓީމު އޮތީ ފަސް ވަނައިގަ އެވެ.

ޝާޒް ބުނީ، ޓީމެއްގެ ނަތީޖާތައް ރަނގަޅަށް އިންނައިރު ކޯޗް މަގާމުން ދުރު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"މިއީ އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ބުނާ އެއްޗެއް އެއީ އެހާ ރަނގަޅު ކަމެއް ނޫން." ނާދުއަށް ސަސްގެ މަގާމު ގެއްލުމުން އެކަމާ ބެހޭގޮތުން ދެކެނީ ކިހިނެއްތޯ މީޑީއާއިން އެހުމުން ޝާޒް ބުންޏެވެ. "ނަތީޖާ ރަނގަޅަށް އިންދައި ކޯޗެއް ބަދަލުވުމަކީ ހަގީގަތުގައި ފުޓްބޯޅައަށް އެހާ ރަނގަޅު ކަމެއް ނޫން."

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗްގެ މަގާމު 2017 ވަނަ އަހަރު ސީޒަން ފެށުމުގެ ކުރިން ގެއްލުނު ޝާޒް ބުނީ، ކޯޗުންގެ މަގާމަކީ ހޮޓް ސީޓެއް ކަމަށެވެ. ކޮންމެ ފަދަ ހާލަތެއްގައިވެސް މަގާމު ގެއްލިދާނެ ކަމަށް ވިސްނައި އެހާލަތާއެކު ދިރިއުޅޭން ޖެހޭ ކަމަށް، ޓީސީ އާއެކު މި ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޝާޒް ބުންޏެވެ.

"ފުޓްބޯޅައިގައި ކޯޗިން އަކީ ހޮޓް ސީޓެއް ދެން އެކިފަހަރު ދިމާވާނީ އެކިކަންކަން ދެން އޭގެ ތެރޭގައި އުޅެން ދަސް ކުރަން ޖެހޭނީ،" ޝާޒް ވާހަކަ ދެއްކި އެވެ.

"ދެން ކުޅުންތެރިންނަށްވެސް އަންނާނެ އެކަހަލަ ކަންކަން. ކޯޗުންނަށްވެސް އަންނާނެ އަދި މެނޭޖުމެންޓަށްވެސް އަންނާނެ. އަނެއްކާ ޓީމުތަކަށްވެސް އަންނާނެ. މިސާލަކަށް ވަރަށް ރަނގަޅަށް މުބާރާތަކަށް ތައްޔާރުވާއިރު މުބާރާތް ކާމިޔާބު ނުކުރެވިވެސް ހިނގައިދާނެ މެނޭޖުމެންޓުން ކިތަންމެ ރަނގަޅަކަށް މަސައްކަތް ކުރި ނަމަވެސް. ފުޓްބޯޅައިގައި އެހުރިހާ ކަމެއްވެސް އޮންނާނެެ."