ހަބަރު

މެޑިކަލް ދާއިރާއިން ކިޔެވުމަށް ފުރުސަތެއް

އިންޑިއާއިން ފެލޯޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފެލޯޝިޕް ޕްރޮގްރާމަކީ އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ ނެޝަނަލް ބޯޑް އޮފް އެގްޒާމިނޭޝަންސް އިން އެކްރެޑިޓްކޮށްފައިވާ ސެންޓަރުތަކުން ހިންގާ ޕްރޮގްރާމެކެވެ. ސިއްހީ ދާއިރާއިން ކިޔަވައިދޭ މި ޕްރޮގުރާމުގައި ބައިވެރިިވެވޭނީ އެންޓްރެންސް އެގްޒާމެއް ހަދާފައެވެ.

މި އެންޓްރެންސް ބައިވެރިވެވޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ކުރިން މެޑިކަލް ދާއިރާ އިން ޑިގްރީއެއް ނިންމާފައިވާ ޕޯސްޓް ގްރެޖުއޭޓަކަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން މީހުންނަށް ފޯމު ހުށަހަޅަން ޖެހެނީ އޮންލައިން ކޮށެވެ. އެޕްލިކޭޝަން ބަލައިގަންނަ އެންމެ ފަހު ތާރީހަކީ ފެބްރުއަރީ ތިނެކެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ އެ ކޯހަށް ހޮވޭ ދަރިވަރުން ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ޔުނިވާސިޓީއެއްތޯ އާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަން ވާނެ ކަމަށެވެ.