ވެލެންސިއާ

ދަނޑުގެ ޝަކުވާ ދިވެހި ކޯޗުން ކުރީމަ ވަނީ ބަހަނާއަކަށް: އާތީ

ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑު އޮތްގޮތާ މެދު ދިވެހި ކޯޗުން ވާހަކަ ދައްކައިފިނަމަ އެކަން ނަގަނީ ބަހަނާއެއް ދެއްކުމުގެ ގޮތުން ދައްކާ ވާހަކައެއްގެ ގޮތުގަައި ކަމަށް، ވެލެންސިއާގެ ހެޑް ކޯޗް މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ދަނޑުގެ ވިނަ ގަނޑުގެ ވާހަކަ މީޑިއާއިން، އާތީގެ ޕްރެސްގައި ފާހަގަ ކުރީ، މިއަދު ވެލެންސިއާ އާ ދެކޮޅަށް ނުކުންނަ މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ދަނޑުގެ ވިނަގަނޑާ ބެހޭގޮތުން އާންމުގޮތެއްގައި ކަންބޮޑުވުން ފާޅު ކުރާތީ އެކަމަށް އިޝާރާތް ކޮށެވެ. އާތީ ބުނީ ދަނޑުގެ ވިނަގަނޑު އޮތް ގޮތުން ކުރިމަތިވާ އުނދަގޫތައް ދިވެހި ކޯޗުންވެސް ތަހަންމަލު ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ދިވެހި ކޯޗުން އެކި ގޮތްގޮތަށް އެވާހަކަ ދައްކަމުންދާތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށް އާތީ ބުންޏެވެ.

"އަހަރެމެންގެ ފައިނޭންޝިއަލީ އާއި އަހަރެމެންގެ ފެސިލިޓީސް އާއި ހުރި ފެންވަރު އަހަރެމެން ދިވެހި ކޯޗުންނަށް އެނގޭ. އެ ވާހަކަތައް [ދަނޑުގެ ވިނަގަނޑުގެ ވާހަކަ] ވަރަށް ގިނަ ދުވަސް ވެއްޖެ ދިވެހި ކޯޗުން ދައްކާތާ،" އާތީ ބުންޏެވެ. "އެކަމަކު ދިވެހި ކޯޗުން މި ވާހަކަ ދައްކައިފިއްޔާ މިވާގޮތަކީ އެސްކޭޕަކަށް ދައްކާ ވާހަކައަކަށް މި ވަނީ. ނޫނިއްޔާ އެހެން ބައެއް ބަދުނާމު ކުރަން ދައްކާ ވާހަކައަކަށް ވަނީ."

އޭނާ ބުނީ އެ ކަންބޮޑުވުން ހުރިހާ ދިވެހި ކޯޗުންގެ މެދުގައިވެސް ހުންނާނެ ކަމަށެވެ. ދިވެހި ކޯޗން އެ ވާހަކަ އެހާބޮޑަށް ދައްކާކަށް ނޫޅޭ ސަބަބު ވެސް އާތީ ބުންޏެވެ.

"ދިވެހި ކޯޗުން ބަލަނީ ހުރި ފެސިލިޓީއެއްގައި ހުރި ކޮލިޓީއެއްގައި ފައިނޭންޝިއަލީ ހުރި ފެންވަރެއްގައި. ލިބުނު ފެންވަރެއްގައި ފުޓްބޯޅައަށް ހިދުމަތެއް ކޮށްދެވޭތޯ," އާތީ ފާހަގަ ކުރި އެވެ.

"އެހެންވީމަ އެއްގޮތަކަށްވެސް މިވާހަކަ [ދަނޑުގެ ވިނަ ގަނޑުގެ މައްސަލަ] އަޅުގަނޑު ގަބޫލު ނުކުރާ ވާހަކައެއް ނޫން. މިކަންކަން ހުރިހާ ކޯޗުންނަށްވެސް ދިމާވާނެ އެކަމަކު ދައްކައިގެން އެސްކޭޕަކަށް ދައްކާ ވާހަކައަކަށް ވެގެން ދަނީ. އޭގެ ބަދަލުގައި ހުރި ފެސިލިޓީއެއްގައި މި މަސައްކަތް ކުރެވޭތޯ މި ބަލަނީ."

މީޑިއާގައި އެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެކަން ހައްލު ކުރުމަށްޓަކައި އެހެން ގޮތެއް އިހްތިޔާރު ކުރަން ޖެހޭކަން އާތީ ފާހަގަ ކުރި އެވެ. އެގޮތުން ސީޒަން ނިމޭ ފަހުން ފުޓްބޯޅައިގެ މުޅި ފެމިލީ އާއި ޔޫތު މިނިސްޓްރީ އާއި އެފްއޭއެމްވެސް އެއްވެގެން މިކަންކަން ހައްލު ކުރެވޭނީ ކިހިނެއްތޯ ބަލައި ދިރާސް ކުރަން ޖެހޭ ކަމަށް އާތީ ބުންޏެވެ.

"މިވަނީ ކީއްވެތޯ ބަލައި. ދިރާސާ ކޮށް ކަންތައްތައް އެނަލައިޒްކޮށްލައި މިހިރަ ކަންކަން ރަނގަޅު ކޮށްލަން ވާހަކަ ދައްކަންވީ. ފުޓްބޯޅައިގައި ހިމެނޭ އެންމެންވެގެން އެބަޖެހޭ އެސެސްއެއް ކުރަން. އެއި ކަންނޭގެ ހައްލެއް ހޯދޭނެ ގޮތަކީ. މިތާންގައި މި ވާހަކަ ދެއްކީމަ އަބަދުވެސް ކޮންމެވެސް ބަޔަކު ބުލޭމް މިވަނީ ދެއްތޯ."

އޭނާ ބުނީ އެކަންބޮޑުވުމުގެ ވާހަކަ ދައްކާއިރު ރާއްޖޭގެ އިގްތިސޯދީ ހާލަތާއި މެދުވެސް ވިސްނަން ޖެހޭ ކަމަށެވެ. އަދި ހަމައެޔާއެކު ދަނޑުގެ އުނދަގޫ ކޯޗުންނަށްވެސް އަދި ކުޅުންތެރިންނަށްވެސް ހުރި ކަން ހަނދާން ނައްތާލައިގެންވެސް ނުވާނެ ކަމަށްވެސް އާތީ ބުންޏެވެ.