ވިޔަފާރި

އައްޑޫ ގާމެންޓް ފެކްޓަރީ ފީޒިބިލިޓީ ހަދަން ފަށައިފި

އައްޑޫގައި ގާމެންޓް ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ފަށަން، ކޮންސެލްޓެންޓެއް އައްޔަންކޮށް، ފީޒިބިލިޓީ ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސަރުކާރުގެ ކުންފުނި، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގެ ޕްރޮޖެކްޓް ހެޑް ސާމިހު އާދަމް އަވަސް އަށް ވިދާޅުވީ ފެކްޓްރީގެ މަސައްކަތް ފަށަން ފުރަތަމަ ހަދަން ޖެހޭ ފީޒިބިލިޓީ ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މި މަސައްކަތް މާޗް މަހު ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންސެލްޓެންޓުގެ ރިޕޯޓަށް ބޭސްކޮށްފަ އެނގޭނީ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތެއް. އެ މަސައްކަތް ކުރާނެ ސްކޭލްއެއް ވެސް. ކޮންސެލްޓެންޓުގެ ރިޕޯޓު ލިބުނީމަ ބިން ނަގައި މަސައްކަތް ފެށިގެން ދާނެ،" ސާމިހު ވިދާޅުވި އެވެ.

ބީސީސީ އިން ކުރިއަށް ގެންދާ މި މަސައްކަތުގައި ކޮންސެކްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ދިވެހި ކުންފުންޏެކެވެ. ނަމަވެސް އެ ކުންފުނީގެ ނަމެއް ބީސީސީ އިން ހާމަކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން 1990 ގެ އަހަރުތަކުގައި އައްޑު އަތޮޅުގެ ގަމުގައި ވަނީ ކާމިޔާބު ކަމާއެކު ފެކްޓަރީތައް ހިންގާފަ އެވެ. ނަމަވެސް ތަފާތު ސަބަބުތައް އޭރު މެދުވެރި ވެގެން އައްުޑޫ އާއި ލ. ގަމާއި ކ. ތުލުސްދޫ އާއި ހދ. ހަނިމާދޫގައި ހިންގި އެފަދަ ފެކްޓްރީތައް ނުހިންގި، ބޮޑެތި މައްސަލަތައް ވެސް ދިމާވެ ބަންދުކުރީ އެވެ.

މިހާރު އައްޑޫގައި ފެކްޓަރީ އަޅަން އުޅޭ ބީސީސީ އެކުލުވައިލީ މޭ 14، 2017 ގަ އެވެ، އެ ތަނުން މިހާތަނަށް ކުރި ކަމަކީ ރާއްޖޭގެ އުފެއްދުންތައް ބާޒާރަށް ނެރެން އެހީވާން ޕްރޮގްރާމެއް ފަށަން ނިންމުމާއި ހުޅުމާލެ ސެންޓްރޯ މޯލްގައި ހުޅުވާ ދިވެހި އުފެއްދުންތަކުގެ ފިހާރާގައި އުފެއްދުންތައް ބެހެއްޓުމުގެ ފުރުސަތެއް ހުޅުވައިލުމެވެ.