ބިޑްނުކޮށް، ހިންގަން ސަރުކާރަށް 130 އަށް ވުރެ ޕްރޮޕޯސަލް ލިބިފައިވާ ކަމަށާއި، މީގެތެރެއިން 20 މަޝްރޫއެއް ފަށަން މަޝްވަރާ ކުރަމުންދާ ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ކަރަންޓުގެ މަޝްރޫއު ހިންގަން ޗައިނާގެ ޑޮންގް ފެންގް ކުންފުންޏާއެކު ފްރޭމް ވޯކް އެގްރިމެންޓުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ 137 އަށް ވުރެ ގިނަ މަޝްރޫއު ހިންގަން ސަރުކާރަށް ޕްރޮޕޯސަލް ލިބިފައިވާ ކަމަށެވެ.
"މި މަޝްރޫއުތަކުގެ ތެރެއިން ނެގޯޝިއޭޓް ކުރަނީ 20 މަޝްރޫއު، މި މަޝްރޫއުތަކުގައި ހިމެނޭ ފެނާއި ނަރުދަމާގެ މަޝްރޫއު އަދި ކަރަންޓުގެ މަޝްރޫއުތައް. ހެލްތް ދާއިރާގެ މަޝްރޫއުތައް. ޕޯޓާއި ބްރިޖުގެ ޕްރޮޕޯސަލްތައް ވެސް ހިމެނޭ،" ފައްޔާޒު ވިދާޅުވި އެވެ.
ގިނައީ އިންޑިއާ/ ޗައިނާ!
ނޫސް ކޮންފަރެންސަށްފަހު އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޕްރޮޖެކްޓްތައް ގިނަ ގައުމުތަކަކުން ލިބިފައިވާ ކަމަށާއި، މީގެތެރޭގައި ގިނައިން ހިމެނެނީ ޗައިނާ އާއި އިންޑިއާގެ ކުންފުނިތައް ކަމަށެވެ. ނަމަވެސް އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއު ތަކަށް ހުށަހެޅުން ލިބެނީ ސްކެންޑެނޭވިއާ ސަރަހައްދުގެ ގައުމުތަކުން ކަމަށެވެ. އަދި ބްރިޖާއި ޕޯޓަށް ހުށަހެޅުން ލިބިފައިވަނީ ދުބާއީ އާއި ތުރުކީން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ މިިދިޔަ ސަރުކާރާއި މި ސަރުކާރުންވެސް އެންގޭޖުމަންޓް ބޮޑީ ދެ ދެ ގައުމު [ޗައިނާ އާއި އިންޑިއާ] ވީމަހެން ދެ ގައުމުން އަންނަނީ. ދެ ގައުމުގެ ފޯކަސް އެބަހުރި ރާއްޖެ އަށް. ބޮޑަށް އެކްސްޕޯސް ވެފައިވަނީ ދެ ގައުމަށް. އަޅުގަނޑުމެންގެ ގިނަ ވަފުދުތައް ވެސް ގޮސްފައިވަނީ މި ދެ ގައުމަށް،" ފައްޔާޒު ވިދާޅުވި އެވެ.
ބިޑްނުކޮށް މަޝްރޫއުތައް ހަވާލު ކުރުމަކީ މިދިޔަ ސަރުކާރުންވެސް ކުރި ކަމެވެ. މި ސަރުކާރުން ވެސް ވަނީ އާ އުސޫލެއްގެ ދަށުން މަޝްރޫއުތައް ހަވާލު ކުރަން ފަށާފަ އެވެ. މި މަޝްރޫއުތައް ދެނީ އިކޮނޮމިކް ކައުންސިލުން ބެލުމަށްފަހު އެވެ. މިހާތަނަށް މި ސަރުކާރުން މިގޮތަށް ހަވާލުކޮށްފައިވާ އެންމެ ބޮޑު އެއް މަޝްރޫއަކީ ގުޅިފަޅު ބިން ހިއްކަން 53 މިލިއަން ޑޮލަރަށް ބޮސްކާލިސް ކުންފުންޏަށް ދިނުމެވެ. އަދި މިއަދު ޗައިނާގެ ޑޮންގް ފެންގް އިލެކްޓްރިކް ކުންފުންޏަށް 37.5 މިލިއަން ޑޮލަރަށް ހަވާލުކުރި މަޝްރޫއެވެ.