އައްޑޫ ސިޓީ

އައްޑޫ ކަރަންޓް މަޝްރޫއު ބިޑަށް ނުލައި 37.5 މިލިއަން ޑޮލަރަށް ޗައިނާގެ ކުންފުންޏަށް

Oct 23, 2019
5

އައްޑު އަތޮޅުގެ ކަރަންޓް މަޝްރޫއު ބީލަމަށް ނުލައި 37.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 570 މިލިއަން ރުފިޔާ) އަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު މާލޭގެ މާގިރި ހޮޓަލްގަ އެވެ. މި ޕްރޮޖެކްޓް ހަވާލު ކޮށްފައި ވަނީ ޗައިނާގެ ޑޮންގް ފެންގް އިލެކްޓްރިކް އިންޓަނޭޝަލް ކުންފުންޏާއެވެ.

ބިޑަކާ ނުލައި މަޝްރޫއު ހިންގަން ސަރުކާރަށް ދައުވަތު ލިބޭ ފަރާތްތަކާއެކު މަޝްރޫއުތައް ހިންގަނީ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުންނެވެ. މި އުސޫލުގެ ދަށުން މަޝްރޫއުތައް ހަވާލުކުރަނީ އެ ޕްރޮޕޯސަލް އަށް ބެލުމަށްފަހު އިކޮނޮމިކް ކައުންސިލުން ނެވެ. މި އުސޫލުގެ ދަށުން އިއްޔެ ވަނީ ގުޅިފަޅު ބަނދަރަށް ބިން ހިއްކުމުގެ މަސައްކަތް ވެސް ބިޑަށް ނުލައި 53 މިލިއަން ޑޮލަރަށް ހޮލެންޑުގެ ބޮސްކާލިސް ކުންފުންޏަށް ދީފަ އެވެ. އެ މައްސަކަތް ބޮސްކާލިސް އަށް ހަވާލުކުރިއިރު، ރާއްޖޭގައި ބިން ހިއްކުމުގެ 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެމްޓީސީސީއަށް އަށް ހޯދާފައިވާ މަހާޖައްފާރުގެ ޑްރެޖަރެއް އޮވެ އެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން، އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އިތުރުން، ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި ހުޅުމީދޫ ދާއިރާގެ ކުރީގެ މެންބަރު އިލިޔާސް ލަބީބު ވެސް ބައިވެރިވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރު ސޯބެ ވިދާޅުވި ގޮތުގައި މިއަދަކީ އައްޑޫގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާ، މަގުސަދަކީ ވީހާވެސް އަވަހަށް މި މަޝްރޫއު ނިމުން ކަމަށެވެ.

"އިގްތިސާދީ ހަރަކާތެއް ފަށަން ބަލައިއިރު، ނޫނީ އާއްމު ދިރިއުޅުމަށް ވެސް އެންމެ ބޮޑު ދައްޗަކީ ކަރަންޓު. އެކަން ރަނގަޅު ކުރެވި، ޒަމާނީ ވިއުގައެއް އެޅިގެން ދިއުމަށް މި މަގުފަހިވަނީ.މި ޕަވާ ހައުސް އުފެދިގެން އަންނައިރު މުޅި އައްޑޫ އަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްްދޭނެ. ކުރިއަށް އޮތް 15 އަހަރަށް ވެސް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދޭނެ،" ސޯބެ ވިދާޅުވި އެވެ.

މި މަޝްރޫއު ހިންގަން ސޮއިކޮށްފައިވަނީ ޑޮންގް ފެންގް އިލެކްޓްރިކް އިންޓަނޭޝަލް އިން އަމިއްލައަށް ބޭނުންވާ ފައިނޭންސް ހޯދާ ގޮތަށެވެ. އާއްމު ގޮތެއްގައި މިފަދަ މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސް ހޯދަނީ އެ ގައުމުގެ އެގްޒިމް ބޭންކުންނެވެ.

ފެނަކައިގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވީ މި މަޝްރޫއު ނޮވެމްބަރު މަހު ފެށި މަޝްރޫއު 15 މަސް ދުވަހުގެ ތެރޭގައި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

"މި ޕަވާހައުސް ނިމޭއިރު، ފައިބާ އޮޕްޓިކް ކޭބަލުން މުޅި އައްޑޫ ގުޅާލެވޭނެ. މި ކުންފުންޏާއެކު ސޮއިކުރާއިރު 20 މެގަވޮޓް ހިމެނުނަސް މުޅި މަޝްރޫއު ނިމޭއިރު 36 މެގަ ވޮޓްގެ ކަރަންޓު އުފެއްދޭނެ. މީގެ އިތުރުން ފެނަކައިގެ އަމާޒެއް އައްޑޫގެ 70 ޕަސެންޓު ސޯލާ އުފެއްދުން. އެކަންވެސް ވަރަށް އަވަހަށް އިރާދުކުރެއްވިއްޔާ ފެށޭނެ،" ސައީދު ވިދާޅުވި އެވެ.

އައްޑޫގެ ކަރަންޓުގެ މަސައްކަތް ހަވާލުކުރި، ޑޮންފެން ކުންފުންޏަކީ ސްޓެލްކޯގެ "ފިތްޕަވާ" މަޝްރޫއު ވެސް ހިންގާ ކުންފުންޏެކެވެ. އެ ކުންފުންޏަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި މަޝްރޫއު ހަވާލުކޮށްފައިވަނީ 1.2 ބިލިއަން ރުފިޔާ އަށެވެ. އެ ކުންފުނިން މި މަޝްރޫއު ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގެ ދަށުން 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރުގެ އިތުރުން ފިއުލް ފާމަކާއި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމްކޮށްފައިވެ އެވެ.