އަންނަ ހޮނިހިރު ދުވަހު އައްޑޫ ކެނެރެރީފް ރިސޯޓު ހުޅުވާއިރު ތަޖަކިސްތާނު ހަމަ ނުޖެހުންތަކުގެ އަސަރު އެ ރިސޯޓުގެ ބުކިންތަކަށް ވަރަށް ބޮޑަށް ކޮށްފި އެވެ.
އަވަސް އަށް ވާހަކަ ދައްކަވަމުން ކެނެރީފް ރިސޯޓުގެ އޮފިޝަލަކު ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ ތާރީހު މިމަހުގެ 15 ވަނަ ދުވަހު ރިސޯޓު ހުޅުވާނެ އެވެ. އަދި އާދީއްތަ ދުވަހު ޓޫރިސްޓުން އަންނަ ހަމަޖެހިފައިވާ ކަމަށާ ނަމަވެސް އެ ރިސޯޓަށް ޓޫރިސްޓުން އަންނަ މުހިންމު މާކެޓު ކަމަށްވާ ތަޖަކިސްތާނުގެ ހަމަ ނުޖެހުންތަކުގެ އަސަރު ރިސޯޓުގެ ބުކިންތަކަށް ކޮށްފައިވާ ކަމަށެވެ.- ސަބަބަކީ އެ ސަރަހައްދުން އަންނަ ގިނަ ފްލައިޓްތައް ކެންސަލްވެފައިވުމެވެ.
"ވަރަށް ގިނަ ބުކިންތައް ވަނީ ކެންސަލް ވެފަ. އެކަމަކު ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަނީ ވެފަ،" އޮފިޝަލް ވިދާޅުވި އެވެ.
ނެނެރީފު ރިސޯޓުން ހިދުމަތް ދޭން ބޭނުންވާ މުހިންމު ލައިސަންސްތައް ޓޫރިޒަމް މިނިސްޓްރީން ލިބުމާއެކު އެ ރިސޯޓު ވަނީ ފުލް އޮޕަރޭޝަނަށް ތައްޔާރުވެފަ އެވެ. ކުރިން އެ ކުންފުނިން ޕްލޭންކޮށްފައި އޮތީ އޮޕަރޭޝަނަށް ގެންނަ 145 ކޮޓަރީގެ ތެރެއިން 140 އަށް ޓޫރިސްޓުން ވައްދާށެެވެ. މި ކޮޓަރިތަކަށް ޓޫރިސްޓުން ގެންނަނީ ތަޖަކިސްތާނު ހިމެނޭ ސަރަހައްދުން އެންމެ ގިނައިން ޓޫރިސްޓުން ގެންނަ ރިސޯޓް ލައިފް ކުންފުނިންނެވެ. ނަމަވެސް ހަމަ ނުޖެހުންތަކުގެ ސަބަބުން އެ ސަރަހައްދުން އަންނަ ޕްލައިޓްތައް ކެންސަލްވެ ގިނަ ބުކިންތައް ވަނީ ކެންސަލްވެފަ އެވެ. މި ސަރަހައްދުން އެންމެ ގިނައިން ޓޫރިސްޓުން ގެންނަ އެއާ އަސްތާނާގެ ދަތުރުތައް ރާއްޖެއަށް ވަނީ ހުއްޓާލާފަ އެވެ.
ކޮވިޑް-19 އަށްފަހު އައްޑޫ ހިމެނޭ ސަރަހައްދުން އޮޕަރޭޝަނަށް ގެންނަ ދެވަނަ ރިސޯޓުން މަސައްކަތް ކުރަނީ އެ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުޅި ރިސޯޓުގެ ހުރިހާ ކޮޓަރިތަކެއް އޮޕަރޭޝަނަށް ގެނައުމަށެވެ. އެއީ 271 ކޮޓަރި އެވެ. މިއީ 2014 ގެ ފަހުން މި އަދަދަށް އެނދު އޮޕަރޭޓް ކުރަން ފަށާ ފުރަތަމަ ފަހަރެވެ.