ކެނެރީފް ރިސޯޓް މޯލްޑިވްސް

ކެނެރީފް ރިސޯޓު އަލުން ހުޅުވައިފި

Jan 15, 2022
1

އައްޑޫ ސިޓީގައި އެންމެ ގިނަ އެނދު ހުރި ރިސޯޓް ކަމަށްވާ ހެރެތެރެގައި ހިންގާ ކެނެރީފް ރިސޯޓު މިއަދު އަލުން ހުޅުވާ ހިދުމަތް ދޭން ފަށައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ކެނެރީފް ރިސޯޓުގެ ސޭލްސް މެނޭޖަރު ސައިފް ޒަރީރު ރިސޯޓު ހުޅުވީ 145 ކޮޓަރިއާ އެކު ކަމަށާއި މީގެތެރެއިން 140 ކޮޓަރި އަކީ ރިސޯޓް ކުންފުނިން ގަނެފައިވާ ކޮޓަރިތައް ކަމަށެވެ.

ކެނެރީފް ރިސޯޓުން މަސައްކަތް ކުރަމުންދަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުޅި ރިސޯޓުގެ ހުރިހާ ކޮޓަރިތަކެއް އޮޕަރޭޝަނަށް ގެނައުމަށެވެ. އެއީ 271 ކޮޓަރި އެވެ.

ސައިފް ވިދާޅުވީ ހުރިހާ ކޮޓަރިތަކެއް އޮޕަރޭޝަނަށް މި ގެނެވެނީ 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށ ކަމަށާ މިއީ ފާހަގަކޮށްލަން ޖެހޭ ކާމިޔާބީއެއް ކަމަށެވެ.

"މި ވަގުތު ހުޅުވާއިރު ކޮޓަރި ނެތީމަ މާކެޓު ނުކުރެވުނު ނަމަވެސް އިންކުއަރީ އެބަލިބޭ. އެންމެ ޑިމާންޑް ރަނގަޅީ ޔޫރަޕުން. ޖެޓް ކްރޫއިންގެ ރިކުއެސްޓް ވެސް ލިބޭ،" ސައިފް ވިދާޅުވި އެވެ.

ޕްލޭނާ އެއްގޮތަށް ރިސޯޓު ހުޅުވުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން އެއްބާރުލުން ލިބުނު ކަމަށްވެސް ސައިފް ވިދާޅުވި އެވެ.

"ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ސަރުކާރުގެ ހުރިހާ ވުޒާރާ ތަކުން ވެސް ބޮޑު އެއްބާރުލުމެއް ދިން. އެމްޕްލޯއިމަންޓް އެޕްރޫވަލް ވެސް އާއްމުކޮށް މި ލިބެނީ 14 ދުވަހުން. އެކަމަކު މިކޮޅުން ހުރިހާ ލިޔުންތަކެއް ހަމަކޮށްލާފަ ލީމަ ޖެހިގެން އަންނަ ދުވަހަށް ހުއްދަ ދިން. ޓޫރިޒަމް މިނިސްޓްރީގެ ހުއްދަތައް ވެސް ވަރަށް އަވަސް. ގަން އެއާޕޯޓާއެކު ވެސް މަޝްވަރާކޮށް ދުރާލާ ކަންކަން ރާވާލަން އެއްބާރުލުން ދިން،" ސައިފް ވިދާޅުވި އެވެ.

ސިންގަޕޫރުގެ ކުންފުންޏަކުން ހެރެތެރޭގައި ހިންގާ ކެނެރީފް ރިސޯޓަކީ ގާތްގަނޑަކަށް 4.5 ކިލޯމީޓަރުގެ ރަށެކެވެ. މާލީ ދަތިތަކަކާ ގުޅިގެން ކެނަރީފް ބަންދުކުރީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ރިސޯޓު ބަންދުކުރުމާ ގުޅިގެން އައްޑޫގެ 200 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލި އައްޑޫގެ އިގްތިސާދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.