ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ކެޕޭސިޓީ ހުރި ގޮތުން އައްޑޫގެ ޓޫރިޒަމް ފުޅާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ފުޅާކުރެވޭނީ ފަތުރުވެރިން ގެނެސްގެން ކަމަށާއި މިވަގުތު އެކަން ކުރެވެން އޮތީ މޯލްޑިވިއަންއާ ގުޅިގެން ކަމަށެވެ. ނަމަވެސް މޯލްޑިވިއަންގެ ހާލަތު ހުރި ގޮތުން މިވަގުތު އައްޑޫ ސިޓީ ކައުންސިލުން އުއްމީދުކުރާ ވަރަށް އެ މަސައްކަތް ކުރުމުގެ ގާބިލްކަން މޯލްޑިވިއަންގައި ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަން މޯލްޑިވިއަން އިން ކަން އައްޑޫ އަށް މިހާރު ވެސް ދޭ ހިދުމަތެއް ދެނީ. އެބޭފުޅުންނަށް އެކަން ކުރެވެން އޮތް މިންވަރަކުން އެބަ މަސައްކަތް ކުރައްވާ. އެކަމަކު މިހާރަށް ވުރެ އިތުރު މަސައްކަތް ކުރަން މޯލްޑިވިއަން ވެސް ގޮންޖެހުންތައް ހުރި ކަން ވެެސް ގަބޫލުކުރަން،" މޭޔަރު ވިދާޅުވި އެވެ
ނިޒާރު ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ފުޅާކުރުމަށްޓަކައި ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުންޏާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ. އައްޑޫގެ ޓޫރިޒަމް ފުޅާކުރުމަށް ކުންފުންޏެއް ހަދައިގެން ނަމަވެސް އައްޑޫ އަށް އިތުރު އެއާލައިންތައް ގެނެސް ޓޫރިސްޓުން އިތުރުކުރަން މަސައްކަތް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އައްޑޫ އަށް އިތުރު އެއާލައިންތައް ގެނައި ނަމަވެސް ގަން އެއާޕޯޓުން އެ ސަރަހައްދުގެ އެހެން އެއާޕޯޓްތަކަށް ދަތުރުކުރެވޭނެ ފަސޭހަ ގޮތްތަކެއް ހުންނަން ޖެހޭނެ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ. އައްޑޫ އަށް ދަތުުރުކުރާ ހަމައެކަނި އެއާލައިންގެ ހައިސިއްޔަތުން އެކަން ކުރެވޭނީ މޯލްޑިވިއަން އަށް ކަމުގައި ވެސް ވިދާޅުވި އެވެ. އެކަމަކު އެ ކުންފުންޏަށް މިވަގުތު ހުރި އުދަނގޫތަކާއި ގުޅިގެން ފްލައިމީއާއި މަންތާއެއާ ފަދަ އަމިއްލަ އެއާލައިންތަކާ ވާހަކަދައްކައިގެން ގޮތްތަކެއް ހޯދުން އަވަސްކުރަންޖެހޭ ކަމަށް ގަބޫލުކުރެއްވި އެވެ.
އައްޑޫގައި ތިން ރިސޯޓެއް ހަދާފައިވީ ނަމަވެސް މިވަގުތު އޮޕަރޭޓް ކުރަމުންދަނީ ސައުތު ޕާމް ރިސޯޓު އެކަންޏެވެ. ރާއްޖޭގެ އެހެން ރިސޯޓުތައް ފަދައިން އާ އަހަރާ ދިމާކޮށް މިވަގުތު އެ ރިސޯޓު ވެސް އޮތީ ފުލްވެފަ އެވެ. އައްޑޫގައި ދެން އޮތް ދެ ރިސޯޓު ކަމަށްވާ ހެރެތެރެ އާއި ޝަންގްރިއްލާ، ކޮވިޑް 19 އާއި ގުޅިގެން މިދިޔަ އަހަރު ބަންދުކުރި ގޮތަށް އަދިވެސް އޮޕަރޭޓް ކުރާކަށް ނުފަށަ އެވެ. މިމަހުގެ ތެރޭގައި އެ ދެ ރިސޯޓް ހުޅުވުމަށް ކުރިން މަސައްކަތް ކުރި ނަމަވެސް މިހާރު އެ ދެ ރިސޯޓު ހުޅުވޭނެ ކަމަށް ފެންނަނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް މޭޔަރު ވިދާޅުވި އެވެ.
ނިޒާރު އިތުރަށް ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ކައުންސިލުން ދޫކޮށްފައިވާ ބައެއް ބިންތަކުގައި އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ. އެމަސައްކަތްތައް ނިމުމުން ޓޫރިޒަމްގެ ދާއިރާ އިން އިތުރު ފުރުސަތުތައް އައްޑޫ ރައްޔިތުންނަށް ހުޅުވިގެންދާނެ ކަމަށް މޭޔަރު އުއްމީދުކުރައްވަ އެވެ.
އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެ މަަސައްކަތް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސާ އެ ސިޓީގައި 8،000 އެނދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ. ނަމަވެސް ކަންކަން ހުރި ގޮތުން ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެއީ ކައިރި މުސްތަގުބަލެއްގައި ހާސިލްކުރެވޭނެ އަމާޒެއް ނޫނެވެ.