އައްޑޫ ސިޓީ

އައްޑޫގައި 4000 އެނދު ތަރައްގީ ކުރަން އެއްބަސްވެއްޖެ

އައްޑޫގައި ރަށު ޓޫރިޒަމް ފުޅާ ކުރަން 4000 އެނދު ތަރައްގީ ކުރަން އައްޑޫ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބަައްދަލުވުމެއްގެ ތެރޭގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު އަލީ ވަހީދާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގެވެ.

އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދެކުނުގައި ފަތުރުވެރިކަން ކުރިއަރުވަން އައްޑޫގައި 4000 އެނދު ތަރައްގީ ކުރަން އެ މަސައްކަތް ފަށަން ތައްޔާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން އައްޑޫ ގެ ހަ ސަރަހައްދެއް ކަނޑައަޅާ އެ ސަރަހައްދުތަކުގައި ލޯކަލް ރަށު ޓޫރިޒަމް ފުޅާ ކުރުމުގެ މަސައްކަަތް އަންނަ މަހު ފަށާނެ ކަަމަށެވެ.

"މިއީ ވަރަށް ގިނަ ދުވަހު އައްޑޫ ރައްޔިތުން ކުރަމުން އައި އުއްމީދު ތަކެއް. އަމާޒަކީ ރައީސް ސޯލިހުގެ ވައުދާ އެއްގޮތަށް 8000 އެނދު އައްޑޫގައި ތަރައްގީ ކުރުން. އެ މަަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ 4000 އެނދު މި ތަރައްގީ ކުރަނީ" އަލީ ވަހީދު ވިދާޅުވި އެވެ.

ސަރުކާރުން ދާދި ފަހުން އިއުލާން ކޮށްފައިވާ ގޮތުން ޓޫރިޒަމް ސިޔާސަތުގެ ދަށުން އައްޑޫގައި 8،000 އެނދު ތަރައްގީ ކުރަން ވަނީ ނިންމާފަ އެވެ. މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި އެ އަދަދުގެ ދެބައި ކުޅަ އެއްބައި، އަލަށް ދޫކުރާ ބިންތަކުން ލިބޭނެ އެވެ.

މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ ގިނަ ދުވަސްތަކަކަށްފަހު ގެސްޓްހައުސް އާއި ހޮޓާ ތަރައްގީ ކުރަން ސޮއި ކުރެވިގެން ދިޔައީ ރައްޔިތުންގެ މަޝްވަރާ އާއެކުގައި ކަމަށެވެ. އަދި އައްޑޫގެ މަޝްރޫއަކީ ދެކުނުގެ ފަތުރުވެރި ކަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"އިންވެސްޓަރުންނަށް އިއުލާން ކުރެވިގެންދާއިރު މި ސަރަހައްދުތައް ތަރައްގީ ކުރެވޭނެ ގޮތުގެ ކޮންސެޕްޓެއް އެކުލަވާލެވި އަދި ލޭންޑްސްކޭޕް ކުރުމުގެ މަޝްވަރާ ގުޅިގެން ކުރުމުގެ މަސައްކަތް ވަނީ ފެށިފައި،"

އޭނާ ވިދާޅުވީ، އެ ޕްލޭންގެ ދަށުން އެންމެ ފުރަތަމަ 4000 އެނދު ތަރައްގީ ކުރާއިރު ބިން ދޫކުރާނީ އައްޑޫގެ ރައްޔިތުންނަށް ހާއްސަކޮށްގެން ނޫން ކަމަށާއި އެކަމަށް ޝައުގުވެރިވެ އިންވެސްޓް ކުރާ ފަރާތްތަކަށް ބިން ދޫކުރުމުގެ މަސައްކަތް އޮކްޓޯބަރު މަހު އިއުލާން ކުރާނެ ކަމަށެވެ.

އައްޑޫގައި މިހާރު ހިންގަމުން އަންނަނީ ދެ ރިސޯޓެކެވެ. މީގެ އިތުރުން އިސްމެހެލާހެރައިގައި ތަރައްގީކޮށްފައިވާ ސައުތު ޕާމް ރިސޯޓު ހުޅުވުމުގެ މަސައްކަތްތައް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އައްޑޫ ސިޓީ ގަމުގައި އީކްއޭޓާ ވިލެޖް ނަމުގައި ވެސް ސިޓީ ހޮޓަލެއް ހިންގަ އެވެ.