ވިޔަފާރި

ހަންކެޑެ ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލްކޮށްފި

އައްޑޫ ހަންކެޑެގައި ތަރައްގީކުރާ ސިޓީ ހޮޓަލުގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން މިއަދު ބާތިލްކޮށްފި އެވެ.

އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، ހަންކެޑެއިގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ފުރަތަމަ ހަވާލުކުރީ 9، އެޕްރީލް 2006 ގަ އެވެ.

އެ މަސައްކަތް ހަވާލުކުރީ ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫޑު ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތް ހަވާލުކުރީ 18 މަހުގެ ތެރޭގައި މަސައްކަތް ނިންމައި ހުޅުވާ ގޮތަށެވެ. ނަމަވެސް މިތަނުގެ މަސައްކަތް ނުނިމި ލަސްވާތީ އައްޑޫގެ ގިނަ ބަޔަކު ވަނީ ޝަކުވާކޮށްފަ އެވެ. ހާއްސަކޮށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިމަހު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ސިޓީ ކައުންސިލުން ވެސް ވަނީ މިކަމުގެ ޝަކުވާކޮށްފައެވެ.

އެހެންވެ، ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ ތޫޑުއާ ހަވާލުކޮށްފައިވާ މި މަސައްކަތުގެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ތޫޑުއާ ވެވުނު އެއްބަސްވުމުގެ ދަށުން 20، ޖޫން 2011 ގައި ހަންކެޑެއްގެ އެންމެހައި ހައްގުތައް ޑޮލަޓަން ކުންފުންޏަށް ބަދަލުކުރިނަމަވެސް އެ މަސައްކަތް ކުރަން ހަވާލުކުރި ބިން އެއްވެސް ވަރަކަށް ތަރައްގީ ކުރެވިފައެއް ނުވާ ކަމަށެވެ. އަދި ހޮޓާ ތަރައްގީކުރެވިފައި ނުވަނީ އެއްބަސްވުމުގައި ބަޔާން ކުރާ ފަދަ އެ ފަރާތުގެ އަމިއްލަ ބާރު ނުފޯރުވޭ ކަމެއްގެ ސަބަބުން ކަމަށް ނުފެންނަކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ. މިއީ ބިން ކުއްޔަން ހިފި ފަރާތުން އެއްބަސްވުމާ ހިލާފުވުން ކަމަށް ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ އެހެންމުން ޑޮލަޓަން ކުންފުންޏަށް ހަތް ދުވަހުގެ ނޯޓިސް އެއް ހަވާލުކޮށްފައިވާ ކަމަށެވެ.