ވިޔަފާރި

އައްޑޫ ޓޫރިޒަމް މަޝްރޫއުގެ މައުލޫމާތު ދިނުން އަންނަ މަހު

Oct 27, 2020
2

އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ހިންގާ މަޝްރޫއުގެ މައުލޫމާތު ދިނުން އަންނަ މަހުގެ ދެވަނަ ދުވަހު ވާޗުއަލްކޮށް އޮންނާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންގައި ހިންގާ މި މަޝްރޫއުގެ ދަށުން، ގެސްޓްހައުސް އާއި ސިޓީ ހޮޓާ ތަރައްގީ ކުރަން ބިން ހޯދަން ޝައުގުވެރިވާ ފަރާތްތައް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 96 ބިން ދޫކުރާއިރު އެ އަތޮޅު މަރަދޫފޭދޫ އަވަށް ނޫން ހުރިހާ ރަށަކުން ބިންތައް ދޭނެ އެވެ.

މި މަޝްރޫއުގެ ދަށުން ދޫކުރާ ބިން ތަކަށް ޝައުގުވެރިކަން ފާޅު ކުރަން ކުރިން ކުރި އިއުލާނަށް ބައެއް ބަދަލުތައް އައްޑޫ ސިޓީ ކައުންސިލުން ވަނީ ގެނެސްފަ އެވެ. ބިޑް ޑޮކިއުމެންޓަށް ބައެއް އިސްލާހު ގެނެސް އަލުން ޝައުގުވެރިކަން ފާޅު ކުރަން ފުރުސަތު ދިނުމުގެ ގޮތުން ކުރި އިއުލާނުގައި ބުނި ގޮތުގައި މަޝްރޫއުގެ ބިޑް ޑޮކިއުމެންޓުތައް ފިނޭންސް މިނިސްޓްރީ އާއި އެ ސިޓީ ކައުންސިލުގެ ސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

މި މަޝްރޫ އަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން ބިޑް ޑޮކިއުމެންޓުތައް ވިއްކާނީ ދިވެހިންނަމަ 2،000ރ. އަށެވެ. އަދި ބޭރުގެ ފަރާތްތައްނަމަ ވިއްކާނީ 300 ޑޮލަރަށެވެ.

އައްޑޫ ޓޫރިޒަމް މަޝްރޫއާ ބެހޭ ގޮތުން މައުލޫމާތު ދިނުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ އެވެ. އަދި ޕްރީ-ބިޑް މީޓިން އަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން މާދަމާގެ ކުރިން ރަޖިސްޓްރީ ވާން ޖެހެ އެވެ.

މި މަޝްރޫއަކީ އައްޑޫގައި ޓޫރިޒަމް ތަރައްގީކޮށް އެ ރަށުގައި 8،000 އެނދު ތަރައްގީ ކުރަން ހިންގާ މަޝްރޫއެކެވެ.

އައްޑޫއަކީ ބައިނަލްއަގުވާމީ އެއާޕޯޓެއް ހުރި ރަށެވެ. ނަމަވެސް މި އެއާޕޯޓް އަށް ގިނަ އިންޓަނޭޝަނަލް ފްލައިޓްތަކެއް ނާންނަ ސަބަބަކީ އައްޑޫގައި ޓޫރިޒަމް ހަރަކާތްތަކެއް ނެތުމެވެ.