ވިޔަފާރި

ވާޖިން އާއި ކިންގްފިޝާ އަައްޑުއަށް ދާން މަޝްވަރާކުރި

ބިލިއަނަރުން ކަމަށްވާ ރިޗަޑް ބްރެންސަންގެ ވާޖިން އެއާލައިން އާއި ވިޖޭމާލިއާގެ ކިންގްފިޝާރިން އައްޑުއަށް އުދުހެން ފެށޭތޯ މަޝްވަރާ ކުރި ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެ އެވެ.

އައްޑޫ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އޭޑީސީ) އިން އިންތިޒާމު ކޮށްގެން، އައްޑޫގައި ޓޫރިޒަމް އެނދު އިތުރު ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާ ކުރަން އިއްޔެ ބޭއްވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ޒުލްފާ ވިދާޅުވީ އެ ކަމަނާގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި އައްޑޫގައި ޓޫރިޒަމް ފުޅާ ކުރަން މަސައްކަތް ތަކެއް ކުރެއްވުނު ކަމަށެވެ.

"އަޅުގަނޑު ހަދާން ހުރޭ އެކަމުގައި ރިޗަޑްބްރެންސަން [ވާޖިން އެއާލައިންގެ ވެރިޔާ] އާ މަޝްވަރާ ކުރެވުނު، އަޅުގަނޑު ވަރަށް ހަނދާން އެބަހުރި ރިޗަޑް ވިދާޅުވި ތިމަންނާއަށް ދައްކާށޭ 2،000 ބެޑްސް. މެދުފަންތީގެ 2،000 ބެޑް އެއް ލޮކޭޝަނަކުން ދައްކާށޭ އޭރުން ހަމަ މާދަމާ ވެސް އަންނާނަމޭ. ފޯނު ނަމްބަރު ވެސް ދެއްވާފަ ވިދާޅުވި ތިމަންނާއަށް ފޯނު ކުރާށޭ 2،000 ބެޑް އެއް ތަނަކުން ހަމަވީމަ،" ޒުލްފާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ދެން ބައްދަލުވެ ވަޑައިގެންނެވި އަނެއް ބޭފުޅަކީ ކިންގް ފިޝާގެ ވެރިޔާ، ވިޖޭމާލިޔާ ކަމަށާ އޭނާ ވެސް ބޭނުންވީ 2،500 އެނދު އެއް ތަނަކުން ފެނުން ކަމަށެވެ.

"އެހެން އެ މަސައްކަތް ކުރެވޭތޯ ވަރަށް ބޮޑަށް ބެލިން. މުހައްމަދު އަލީ ޖަނާހު [އެޗްއާރުސީގެ ޗެއާމަން] ފަދަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެ ބޭފުޅުން ވަރަށް ތާއީދު ވެސް ކުރެއްވި ނުހެދި ހުރި ރަަށްތައް ހަދަން ގއ. އަތޮޅަށް އަޅުގަނޑު ދާން ވެސް ދިޔައިން،" ޒުލްފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުކަމުގެ ދައުރުގައި އައްޑޫއަށް އެނދުތައް އިތުރު ކުރަން އޭރު ހެރެތެރެ ރިސޯޓް ހިންގެވި ބޭފުޅުންނާ ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އައްޑޫގައި ޓޫރިޒަމް ފައްކާ ކުރަން ސީޕްލޭން ޕޯޓެއްގެ އިތުރުން 2،000 އެނދު ކޮންމެހެން ވެސް ގެންދަން ޖެހޭ ކަމަށެވެ.

"އެ މަޝްވަރާތަކަށްފަހު އެ ބޭފުޅުން ދިރާސާ ކުރެއްވުމަށްފަހު ވިދާޅުވި އަދިއެއް ފީސިބަލްއެއް ނުވާނެއޭ. އެ ވެސް ވަރަށް ބޮޑު ތެދެއް އެއީ. އެކަމަކު އޭގެ ފަހުން ވެރިކަން ބަދަލުވީ،" ޒުލްފާ ވިދާޅުވި އެވެ.

އައްޑޫއަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ހިންގާ ސިޓީ އެކެވެ. އެގޮތުން ކޮވިޑް-19 ގެ ކުރީގައި މި އެއާޕޯޓަށް ސްރީލަންކަން އެއާލައިންސް ދަތުރު ކުރި އެވެ. ނަމަވެސް އެ ދަތުރުތައް ވަނީ ހުއްޓިފަ އެވެ. މި ދަތުރުތައް ހުއްޓާލުމުގައި ކޮވިޑުގެ އިތުރުން ކުރިމަތިވި އެންމެ ބޮޑު ސަބަބަކީ ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތަކެއް ކޮށް ނުދީ ހުރުމެވެ.

އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރަން މަސައްކަތް ކުރާތާ ލައްކަ ޒަމާން ވެއްޖެ އެވެ. ނަމަވެސް މިހާތަނަށް އެ ސަރަހައްދުގައި ޓޫރިޒަމް ފައްކާ ކުރެވިފައެއް ނުވެ އެވެ. މިކަން ކުރަން ގޭން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރިނަމަ ވެސް އައްޑޫގައި އެއާޕޯޓު ހިންގޭ ވަރަށް އެނދު ހެދިފައެއް ނުވެ އެވެ. ނަމަވެސް އައްޑޫ އާއި ހުވަދޫ އެއްކޮށްލައިގެން މިހާރު 2،500 އެނދު ހަމަވެ އެވެ.