ވިޔަފާރި

އައްޑޫ އެއާޕޯޓް ވެލުއޭޝަން ހަދައިދޭނެ ބަޔަކު ހޯދަނީ

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ ވެލުއޭޝަނެއް ހަދަން ނިންމައި، އެކަން ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) އާ އެއްގޮތަށް އޭއައިއޭ ވެލުއޭޝަން ހަދައި ދޭނެ ބަޔަކު ހޯދަން ބޭނުންވެ އެވެ. އޭއައިއޭގެ ވެލުއޭޝަނެއް ހަދަނީ މިހާރު ހުރި މައްސަލަތައް ބަލައި، އެ ކަންކަމަށް ހައްލު ގެވޭނެ ގޮތް ތަކެއް ހޯދާށެވެ.

މި މަސައްކަތް ކޮށްދޭން ޝައުގުވެރިކަން ފާޅު ކުރަން ޖެހެނީ މި މަހުގެ 24 ވަނަ ދުވަހުގެ ކުރިންނެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އޭއައިއޭއަކީ ސަރުކާރާއި އެސްޓީއޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިތުރުން ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފުގެ ކާސާ ހޯލްޑިން ހިއްސާ ވެގެން އުފެއްދި ކުންފުންޏެކެވެ. ނަމަވެސް، އައްޑޫ އެއާޕޯޓުގައި އޮތް ސަރުކާރުގެ އެންމެ ބޮޑު ކުންފުނި، އެސްޓީއޯއިން ވަނީ ނުކުމެފަ އެވެ. އަދި އެ ކުންފުނީގައި އޮތް އެމްއޭސީއެލްގެ 10 ޕަސެންޓް ހިއްސާ ދޫކޮށްލުން އަވަސް ކުރަން ފިނޭންސް މިނިސްޓްރީގައި އެދެން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވަނޯ ނިންމާފަ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިންމާފައި ވަނީ 2016 ވަނަ އަހަރު އެވެ. އެ މަޝްރޫއު ދަށުން ރަންވޭ 3،400 މީޓަރު (ގާތްގަނޑަކަށް 11154 ފޫޓު) ދިގުކޮށް، 60 މީޓަރަށް (ގާތްގަނޑަކަށް 196.85 ފޫޓު) ފުޅާ ކޮށްފައިވެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރީގައި އެއާޕޯޓުގައި ހިދުމަށް ދެނީ ބޮއިން 757 އާއި އޭ-320 އަދި އޭ-327 ގެ މަތިންދާ ބޯޓު ފަހަރެވެ. ނަމަވެސް މި މަޝްހޫއާއެކު ވައިޑް ބޮޑީ ކޯޑްއީ ގެ ފްލައިޓްތައް ޖެއްސެ އެވެ. މިގޮތުން 777 ގެ ބޯޓު ފަހަރާއި އޭ-380 ގެ ބޯޓު ފަހަރު ވެސް ޖެއްސޭނެ އެވެ. މި ބަދަލާއެކު ސްރީލަންކާ އެއާލައިންސް އިން އެ އެއާޕޯޓަށް ދަތުރު ފެށި އެވެ. ނަމަވެސް ޑިމާންޑް ނެތުމުގެ ސަބަބުން ވަނީ މި ދަތުރުތައް ހުއްޓާލާފަ އެވެ.