އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު މިމަހު ކުންފުންޏަކާ ހަވާލު ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުގެ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އައްޑޫ މަގު ހެދުމުގެ މަސައްކަތް ކުރަން މި މަހު ކުންފުންޏަކާ އެވޯޑު ކުރާނެ ކަމަށާ، އެހެން މަޝްރޫއުތައް ވެސް މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ ކުންފުންޏަކާ ހަވާލު ކުރާނެ ކަމަށެވެ.
"އަޅުގަނޑަކީ އައްޑޫގައި ކިޔަވައި ބޮޑުވި އައްޑޫ މީހެއް. އެހެންވެ އަޅުގަނޑަށް ވެސް އެނގޭ ރައްޔިތުންގެ ކަންބޮޑުވުން. ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތަށް އެ މަސައްކަތް އިރާދުކުރެއްވިއްޔާ ފެށިގެން ދާނެ،" އަމީރު ވިދާޅުވި އެވެ.
އައްޑޫގެ އަވަށްތަކުގެ މަގުތަކުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް މަގުތައް ހަދަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން 25 ކިލޯމީޓަރުގެ މަގު ހަދަން ނިންމާފައިވެ އެވެ. މި މަޝްރޫއަށް ހަރަދު ކުރަނީ އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ކަމަށެވެ.
މަގު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތަށް 7.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. މިއީ އެގްޒިމް ބޭންކު މަޝްރޫއަކަށް ވުމުން މި މަސައްކަތް ހަވާލު ކުރާނީ އިންޑިއާ ކުންފުންޏަކަށް ކަމަށް މިހާރު ވެސް ބެލެވެ އެވެ.
ޕްލޭނިން މިނިސްޓްރީން ކުރިން ވަނީ މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ގޮތުން މަގު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ކޮންސަލްޓަންސީ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ އިންޑިއާގެ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އަދި އިން ޖޭވީ ވިތު އެލްއީއޭ އެސޯސިއޭޓްސް ކުންފުންޏާ އެވެ.
މި މަޝްރޫއު ދަށުން މަގު ހެދުމުގެ އިތުރުން 228 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެގޮތުން ހިތަދޫން 90 ހެކްޓަރު އަދި މަރަދޫ، މަރަދޫ ފޭދޫން 75 ހެކްޓަރު ހިއްކާއިރު، ހުޅުމީދޫން 38 ހެކްޓަރު އަދި ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލުމުގެ ގޮތުން ފަޅުތެރެއިން 25 ހެކްޓަރު ހިއްކާނެ އެވެ.
އައްޑޫ ސިޓީގެ ބޮޑެތި މަގުތަކުގައި މިހާރު ވެސް ހުރީ ތާރު އަޅާފަ އެވެ. ނަމަވެސް ގުޅިފައިވާ ގިނަ ރަށްތަކުގެ މަގުތައް ހުރީ ނުހެދި އެވެ. އެހެންވެ ވިއްސާރަވެ މޫސުން ގޯސްވާ ދުވަސްވަރު މި ސިޓީގެ ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ.