ސ. ހިތަދޫ

ހިތަދޫގައި 200 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

Mar 9, 2023

އައްޑޫ ސިޓީގެ ހިތަދޫގައި ޑިޒައިން އެންޑް ބިޑް އުސޫލުން 200 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީ އިން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުގައި އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ފީގެ ގޮތުގައި 500 ރުފިޔާ ދައްކައިގެންނެވެ.

ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 1،100،000 ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރަށް ޑޮލަރުން ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލުން ގެންދަނީ އައްޑޫގެ ތިން ރަށަކުން ބަންޑާރަ ގޯތި ދޫކުރުމަށްވެސް ތައްޔާރުވަމުންނެވެ. އެގޮތުން މީދޫއާއި ހުޅުދޫ އިން 2000 އަކަފޫޓްގެ 100 ގޯއްޗާއި ފޭދޫ އިން 1500 އަކަފޫޓްގެ 300 ގޯތި ދޫކުރަން ދަނީ ތައްޔާރުވަމުންނެވެ.

ސަރުކާރުން ގެންދަނީ ރަށްރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ވަރަށް ގިނަ ރަށްރަށުގައި ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.