އައްޑޫ ސިޓީ ކައުންސިލް

އައްޑޫ އިން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި

އައްޑޫ ސިޓީ ދޫކުރާ ގޯތިތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.

އައްޑޫގެ ހަތަރު ރަށަކުން ޖުމްލަ 4،052 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދިނުމަށް ހަމަޖެހިފައިވާއިރު ގޯތި ލިބޭ މީހުންނަށް ގޯތި ދިނުމަށް ހަމަޖެހިފައިވަނީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ދިނުމަށް ހަމަޖެހިފައިވާ 1،000 ގޯތީގެ ތެރެއިން އެންމެ ގިނަ ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ހިތަދޫ އިންނެވެ. އެގޮތުން ހިތަދޫ އިން 500 ގޯތި، ފޭދޫ އިން 300 ގޯތި އަދި ހުޅުދޫ އާއި މީދޫ އިން ކޮންމެ ރަށަކުން 100 ގޯތި ފުރަތަމަ ބުރުގައި ދިނުމަށް ހަމަޖެހިފައިވެ އެވެ.

ހުޅުދޫއާއި މީދޫ އިން 2،000 އަކަފޫޓުގެ ގޯތި ދޫކުރާއިރު ހިތަދޫއާއި ފޭދޫއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1،500 އަކަފޫޓުގެ ގޯއްޗެވެ.

އައްޑޫ ސިޓީ ކައުންސިލުން ފުރަތަމަ ބުރު ނިމުމުން ދެން ދޫކުރާ ގޯތިތައް ދޫކުރާނީ އައްޑޫގައި މިފަހުން ހިއްކި ބިންތަކުން ކަމަށެވެ. އަދި މި ގޯތިތައް އަންނަ އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ހަވާލުކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

އައްޑޫގައި ގޯތި ދޫކުރަން ތައްޔާރުވަމުން މިދަނީ ގޯތި ދޫނުކުރާތާ 21 އަހަރު ފަހުންނެވެ.

އަލަށް ދޫކުރާ ގޯތިތަކާ އެކު އައްޑޫގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ކައުންސިލުން ދެކެ އެވެ.