އައްޑޫ ސިޓީ ކައުންސިލް

ގޯއްޗަށް އެދޭ ފޯމު އިސްލާހުކޮށް އަލުން ދޫކުރަން ފަށައިފި

އައްޑޫ ސިޓީން ދޫކުރަން އިއުލާނުކުރި ގޯތިތަކަށް އެދޭ ފޯމު އިސްލާހުކޮށް އަލުން ދޫކުރަން ފަށައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ފޭދޫ ކައުންސިލް މެންބަރު މުހައްމަދު ފައިސަލް ވިދާޅުވީ ފޯމުގެ ނަންބަރެއް ނުބައިކޮށް އިނުމުން އެ ނަންބަރު ރަނގަޅު ކުރުމުގެ ގޮތުން ފޯމު ބަދަލުކުރަން ޖެހުނު ކަމަށެވެ. އެ ކުށް ރަނގަޅުކޮށް މިހާރު އާ ފޯމެއް އަޕްލޯޑުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ގޯތި ދޫކުރުން ކެންސަލް ކުރި ކަމަށް ބުނެ ދެކެވެނީ ދޮގު ވާހަކަތަކެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހުއްޓައެއް ނުލަން ގޯއްޗަށް ފޯމު ބަލައިގަތުމެއް. މިހާރު ވެސް ފޯމުތައް ބަލައިގަންނަމުން މިދަނީ،" ފައިސަލް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫ އަދި ފޭދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކުރީ ޖެނުއަރީ 23 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. ހިތަދޫއިން ގޯތި ދޫކުރަން އިއުލާނުކުރީ ޖެނުއަރީ 25 ވަނަ ދުވަހުގެ ރޭ ރޭގަނޑު އެވެ.

ހުޅުދޫއިން 2،000 އަކަފޫޓުގެ 100 ގޯތި ދޫކުރާއިރު މީދޫއިންވެސް ދޫކުރަނީ 2،000 އަކަފޫޓުގެ 100 ގޯއްޗެވެ. ފޭދޫއިން ދޫކުރަނީ 1،500 އަކަފޫޓުގެ 300 ގޯއްޗެވެ. ހިތަދޫއިން 1،500 އަކަފޫޓުގެ 500 ގޯތި ދޫކުރަން އިއުލާނުކުރި އެވެ.