އައްޑޫއިން މިއަހަރު ކުރީކޮޅު ދޫކުރަން އިއުލާންކުރި 1،000 ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން ގޯތި ލިބޭ މީހުންގެ ލިސްޓް އަންނަ މަހު އާންމުކުރަން ނިންމައިފި އެވެ.
އައްޑޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ ގޯތި ލިބޭ މީހުންގެ ލިސްޓް މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް އާންމުކުރަން މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު ދިމާވި ބައެއް ދަތިތަކާ ގުޅިގެން އޭރު އެކަން ނުކުރެވުނު ކަމަށާއި އެކަމަކު މިހާރު އަމާޒަކީ އަންނަ މަހުގެ ތެރޭގައި ލިސްޓް އާންމުކުރުން ކަމަށް ވިދާޅުވި އެވެ.
އައްޑޫ އިން ދޫކުރާ ގޯތި ތަކަށް މިދިޔަ ޖެނުއަރީ މަހު ފޯމު ހުށަހެޅުމަށް ހުޅުވާލުމުން 4،000 އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވެ އެވެ.
އައްޑޫއިން ދޫކުރަން އިއުލާންކުރި 1،000 ގޯތީގެ ތެރޭގައި ހިމެނެނީ ހިތަދޫން 500 ގޯތި، ފޭދޫ އިން 300 ގޯތި އަދި ހުޅުމީދޫ އިން 200 ގޯއްޗެވެ. ހިތަދޫ އާއި ފޭދޫން ދޫކުރަން ނިންމީ 1،500 އަކަފޫޓްގެ ގޯތިތަކެވެ. ހުޅުމީދޫން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯތިތަކެވެ.
އައްޑޫން ގޯތި ދޫކުރަން މި އަހަރު އިއުލާންކުރީ ދިރިއުޅެން ބަންޑާރަ ގޯތި ދޫނުކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އައްޑު އަތޮޅަކީ ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ އެވެ.
އައްޑޫގައި ގޯތި ދޭން ތައްޔާރުވަމުންދާއިރު އައްޑޫ ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިންއާ އެކު އައްޑޫ ބިން ހިއްކުމަށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހު އެވެ. މަސައްކަތް ހަވާލުކުރީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.5 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ. މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކާ އަދި 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމަށް ހަމަޖެހިފައިވެ އެވެ.