އައްޑޫ ސިޓީ ކައުންސިލް

އައްޑޫގައި ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ހަދައިދޭނެ ބަޔަކު އަނެއްކާވެސް ހޯދަނީ

އައްޑޫ ސިޓީގެ ފޭދޫގައި ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން އަނެއްކާވެސް ހުޅުވާލައިފި އެވެ.

މިމަޝްރޫއަށް ބީލަން ހުށަހެޅޭނީ މިމަސައްކަތްތަކުގައި 10 އަހަރުގެ ތަޖުރިބާ ހުރި ކުންފުނިތަކަށެވެ. އަދި ބީލަން ހުށަހަޅާއިރު އެ ކުންފުނިތަކުގެ ފާއިތުވި ތިން އަހަރުގެ މާލީ ބަޔާން ހުށަހަޅަން ޖެހެ އެވެ.

މި މަޝްރޫއަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކްރޫޒް ޓާމިނަލާއި ޔޮޓް މެރީނާގެ ކުރު ކޮންސެޕްޓެއް ހުޅައަޅަން ޖެހެ އެވެ.

ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ހަދާ ސަރަހައްދުގައި 100 ކޮޓަރީގެ ހޮޓަލެއް ތަަރއްގީކުރުމަށް ހަމަޖެހިފައިވެ އެވެ.

ފޭދޫގެ ކުރީގެ ރަސްމީ ބޯޅަދަނޑާއި އެ ސަރަހައްދާ ދިމާލުން ފޭދު އާއި ގަމާ ގުޅޭ ހިސާބުން މި މަޝްރޫއަށް ވަނީ އެއްލައްކަ އަކަފޫޓަށް ވުރެ ބޮޑު ބިމެއް ހާއްސަކޮށްފަ އެވެ.

މީގެ ކުރިން 2021 ވަނަ އަހަރުވެސް މިމަޝްރޫއުއަށް ބަޔަކު ހޯދަން އިއުލާންކުރި އެވެ. އޭރުން ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އޭރު ބީލަން ހުށަހަޅާފައެއް ނުވެ އެވެ.

ފިއުޗާ އޮފް އައްޑޫ ޓޫރިޒަމްގެ ނަމުގައި ކުރިން ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫގައި ހަދަން ނިންމާފައިވާ ޔޮޓް މެރީނާއާއި ކުރޫޒް ޓާމިނަލަކީ އައްޑޫގައި ފަތުވެރިކަން ފުޅާކުރުމުގެ ގޮތުން ކުރަން ނިންމާފައިވާ މަސައްކަތުގެ ބައެއް ކަމަށެވެ.

މިމަޝްރޫއާއި އެކު އައްޑޫގެ މޫނުމަތި ބަދަލުވެގެންދާނެ ކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ ޔޮޓް މެރީނާއާއި ކުރޫޒް ޓާމިނަލް ހަދަން ނިންމާފައިވަނީ ފޭދޫ އާއި ގަން ހިމެނޭ ގޮތަށް ކަމަށެވެ.

"ފޭދޫގައި އޮތް ރަސްމީ ބޯޅަ ދަނޑާއި، އެ ދަނޑާއި ގުޅުންހުރި ފޭދޫގެ ހިއްކި ބިމާއި އަދި ގަމުގެ ކޯޒްވޭ ސަރަހައްދާ އެކު ކްރޫޒް ޓާމިނަލަކާއި އަދި ޔޮޓް މެރީނާ އަކާއި އެކު 100 ކޮޓަރީގެ ހޮޓަލެއް ތަރައްގީ ކުރާނެ ވަރުގަދަ ޕްރޮޖެކްޓެއްގެ މިއީ،" މޭޔަރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި މިމަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ޓާމިނަލް އެޅުމަށް އެކަނި ވެސް އެއްލައްކަ އަކަފޫޓަށް ވުރެ ބޮޑު ބިމެއް ކައުންސިލުން މިހާރު ވަނީ ކަނޑައަޅާފަ އެވެ.

އައްޑޫ އަކީ ކުރިންވެސް ވަރަށް ގިނަ އަދަދަކަށް ޔޮޓް ދަތުރުކުރި ސަރަހައްދެކެވެ. ނަމަވެސް ކުރިން އައްޑޫއަށް ޔޮޓް ދިޔަ މިންވަރަށް މިހާރު ނުދާ ކަމަށް އައްޑޫގެ ބައެއް މީހުން ބުނެ އެވެ. އެކަމަކު އަދި ޔޮޓްތައް އައްޑޫއަށް ޝައުގުވެރިކޮށް އެ ވިޔަފާރި އައްޑޫގައި ފުޅާކުރެވޭނެ ކަމަށް ސަރުކާރުން ދެކެ އެވެ.