ވިޔަފާރި

މޯލްޑިވިއަން އިން އައްޑޫގައި ސީޕްލޭން ފަށަނީ

މޯލްޑިވިއަން އިން އައްޑޫގައި ގާއިމްވެ، ސީޕްލޭންގެ ހިދުމަތް ދިނުމުގެ މަސައްކަތް ފަށައިިފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ސީޕްލޭން ހިދުމަތް ފެށުމުގެ ގޮތުން މޯލްޑިވިއަންގެ ޓީމެއް މާދަމާ އައްޑު އަށް ދާނެ އެވެ. މި ދަތުރުގެ ބޭނުމަކީ ސީޕްލޭން ހިދުމަތްފެށުމުގެ ގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއެކު ރަސްމީ އެއްބަސްވުމުގައި ސޮއި ކުރުމެވެ. މި ދަތުރުތައް ފެށުމާއެކު މޯލްޑިވިއަންގެ ސީޕްލޭން ހިދުމަތުން ހުވަދު އަތޮޅާ ގުޅާލާނެ އެވެ. އެނގިފައިވާ ގޮތުގައި މި ދަތުރުތައް ރަސްމީކޮށް ފަށާނީ އަންނަ މަހު އެވެ.

މޯލްޑިވިއަން އަން އިން ދާދިފަހުން ވަނީ އައްޑު އާއި ހުވަދު އަތޮޅާ ދެމެދު ކަނެކްޝަން ފްލައިޓުތަކެއް ވެސް ފަށާފަ އެވެ. މީގެ ބޭނުމަކީ ބޮޑު ދެ އަތޮޅުގެ މެދުގައި އިގްތިސޯދީ ހަރަކާތްތައް އިތުރު ކުރުމެވެ.

އޭއައިއޭގައި ސީ ޕްލޭން ހިދުމަތް ފަށަން ފުރަތަމަ ހަވާލުކުރީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށެވެ. ނަމަވެސް އެކުންފުންޏަށް މި ހިދުމަތް ދެވޭ ގޮތް ވަނީ ނުވެފަ އެވެ.

އައްޑޫގައި ހަތަރު ޓޫރިޒަމް ޕްރޮޕަޓީއެއް ހިންގަ އެވެ. އެއީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓާއި ނެކެރީ ރިސޯޓް މޯލްޑިވްސް އަދި އީކުއޭޓާ ވިލެޖް އެވެ. ނަމަވެސް މި ހުރިހާ ތަނެއްވެސް މިވަގުތު ހުރީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.