އައްޑޫ ކެނެރީފް ރިސޯޓް ހުޅުވުމަކީ އުންމީދެއް ކަމަށް މާލީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ބުނެފި އެވެ.
އައްޑޫ ކެނެރީފް މާދަމާ ހުޅުވުމާ ބެހޭ ގޮތުން އޭއައިއޭގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު އަވަސް އަށް ވިދާޅުވީ ކޮވިޑް-19 އަށްފަހު މަޑުމަޑުން އައްޑު އަށް އަންނަ ފްލައިޓްތައް އިތުރު ވަމުން އަންނައިރު ކެނެރީފް ހުޅުވުމަކީ ލިބޭނެ އިތުރު އުންމީދެއް ކަމަށެވެ.
ނަމަވެސް، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މާލީ ހާލަތު އެއްކޮށް ރަނގަޅު ކުރަން އައްޑުއަށް އިތުރު ބެޑް ކެޕޭސިޓީ މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫ އަށް 2020 ގެ ކޮވިޑުގެ ހާލަތާ ގުޅިގެން ފްލައިޓްތައް ހުއްޓާލިއިރު 6-8 ފްލައިޓް އެޅި އެވެ. އަދި އޭރު ހަފުތާއަކު ހަތަރު އިންޓަނޭޝަނަލް ދަތުރުތައް ކުރި އެވެ. އަދި ކޮވިޑާ ހަމަ އަށް ސައުތު އެފްރިކާ އިން ވެސް އައްޑު އަށް ފްލައިޓް އަޅަމުން ދިޔަ އެވެ. ނަމަވެސް ހުއްޓިފައި އޮތުމަށްފަހު މިހާރު ދުވާލަކު 5 އާއި 6 ޑޮމެސްޓިކް ފްލައިޓް އަދި ސްރީލަންކަން ވެސް ފްލައިޓް ބާއްވަމުންދެ އެވެ.
އޭނާ ވިދާޅުވީ ފްލައިޓް ދަތުރުތައް ނުކުރުމުގެ ސަބަބުން އެ އެއާޕޯޓަށް މާލީ ގޮތުން ގެއްލުން ވަމުންދާ ކަމަށެވެ. ނަމަވެސް ކެނެރީފް ހުޅުވައި ޝަންގްރިއްލާ އޮޕަރޭޝަނަށް އައިފިނަމަ ރަނގަޅު ވެގެންދާނެ ކަމަށެވެ. އަދި ބެޑް ކެޕޭސިޓީ އިތުރު ވަމުންދާ ވަރަކަށް އިތުރު އިންޓަނޭޝަނަލް ފްލައިޓްތައް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ގައިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްލައިޓް އިތުރު ވަމުންދާ ވަރަކަށް އެއާޕޯޓުގައި ބައެއް މަރާމާތުކޮށް ބަދަލުވެސް ގެންނާނެ ކަމަށެވެ.
"ޓާމިނަލް އަށް ވެސް ބޮޑު ބަަދަލެއް ގެނެސްފައިވާނީ. މިއީ އިންޑިއަން އެގްޒިމް އިން ގެނައި ބަދަލެއް ނޫން. މީގެ އިތުރުންވެސް އިތުރު ބަދަލުތައް މިދަނީ ގެންނަމުން،" ގައިސް ވިދާޅުވި އެވެ.
މި ބަދަލާއި ގޭން އިން ނިމިދިޔަ ހަފުތާގައި ވަނީ އެއް ފަހަރާ އެއާބަސް އޭ 320 ގެ ދެ ފްލައިޓަށް ހިދުމަތް ދީފަ އެވެ. މިއީ ކޮވިޑް-19 އަށްފަހު އެ ކުންފުނީގެ ކެޕޭސިޓީ އިތުރުކޮށް ގެނެވުނު ކުރިއެރުމެއް ކަމަށް ގައިސް ވިދާޅުވި އެވެ.
އެމްޑީ ވިދާޅުވީ ބެޑް ކެޕޭސިޓީ އިތުުރުވާ ވަރަކަށް ގައުމީ އެއާލައިންއާއެކު ވެސް އިތުރު ފްލައިޓްތައް ބާއްވަމުންދާ ކަމަށެވެ.
އޭއައިއޭ އަށް 2020 ގައި ބޮޑު ގެއްލުމެއް ކުރިމަތިވި އެވެ. ޖައްސާނެ ފްލައިޓެއް ނެތި އެއާޕޯޓު ގިނަ ދުވަސްތަކުގައި އޮތީ ފަޅަށެވެ. ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު އޭއައިއޭގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވެ އެވެ.