އިނަ މޯލްޑިވްސް ހޮލިޑޭސް އިން އިންޑިއާ އިން އައްޑުއަށް ހަ ޗާޓަރު ފްލައިޓް ބާއްވަން ނިންމައިފި އެވެ.
އަވަސްއާ ވާހަކަ ދައްކަވަމުން އިނަ މޯލްޑިވްސް ހޮލިޑޭސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބާއްވާ މި ފްލައިޓްތަކަކީ ކަރަންޓީން މީހުން ގޮވައިގެން އަންނަ ފްލައިޓް ތަކެއް ކަމަށެވެ. މި ފްލައިޓްތައް އިންތިޒާމު ކުރަނީ އައްޑޫގެ އިކޮނޮމީ އަށް މަންފާއެއް ހޯދައިދީ ކޮންމެ ވެސް ވަރެއްގެ ފައިދާއެއް އައްޑޫ ރައްޔިތުންނަށް ލިބޭނެ ގޮތަކަަށް ކަމަށެވެ.
"އިންޑިގޯގެ ފްލައިޓުތަކެއް މި އަޅަނީ. މިއީ ޗާޓަރު ތަކެއް. އައްޑޫގައި ރަނގަޅު ގެސްޓްހައުސް ތަކެއް އެބަހުރި. އެހެންވެ އެ ތަންތަން ފިލްކޮށްލުން މަގުސަދަކީ،" ފިރާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފްލައިޓުން 1200 މީހުން އަންނައިރު މިއީ ކަރަންޓީން ޓޫރިސްޓުން ކަމަށާ، އެކަމުން އައްޑޫގެ އިގްތިސޯދަށް އެކި ގޮތް ގޮތުން 14 މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށެވެ.
"ގާތްގަނޑަކަށް އަށް ލައްކަ ޑޮލަރު ލިބޭނެ. މި ބަލަނީ ރޫމްއާއެކި ގޮތުން އައްޑޫގެ އިކޮނޮމީ އަށް 14 މިލިއަން ރުފިޔާވަރު ލިބޭނެ ކަމަށް،" ފިރާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފްލައިޓުތަކުން އަންނަނީ ސައުދީ އާއި ކެނެޑާއަށް ދިއުމަށް ބޭނުންވާ މީހުން ކަމަށެވެ. އަދި އެ މީހުން އަނބުރާ ފުރާނީ ސްރީލަންކަން އެއާލައިންސްގައި ކަމަށް ފިރާގު ވިދާޅުވި އެވެ.
"މިކަމަށް ޑިމާންޑް އެބައޮތް. ހީވަނީ މިކަން [ކަރަންޓީން މާކެޓު] ހަތަރު މަސް ވަރު ދެމިގެންދާނެހެން. ދެމިގެންދާނަމަ ޖާގަ ލިބޭ މިންވަރަކުން ފްލައިޓްތައް ބާއްވާނެ،" ފިރާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ އިތުރުން ރާއްޖޭގައި ތިބި ކަރަންޓީން މީހުން ސައޫދީ އަރަބިއްޔާ އަށް ގެންދަން "ޖަޒީރާ އެއާވޭސް"ގެ ފްލައިޓެއް ވެސް ޗާޓަރު ކުރަން ނިންމާފައިވާ ކަމަށެވެ
އިނަ މޯލްޑިވްސްއަކީ 2016 ވަނަ އަހަރުން ފެށިގެން ކޮވިޑް-19 އަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ހަމައަށް ގަމަށް ސްރީލަންކަން އެއާލައިންސް އޮޕަރޭޓްކުރި ކުންފުންޏެވެ. ނަމަވެސް މި ދަތުރުތައް ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ ސަރުކާރުން ބޭނުންވާ އެއްބާރުލުން ނުދިނުމެވެ.