އެލްޖީއޭ

ކައުންސިލް ކުންފުނި ހަދަން ފަހިކުރާ ގަވައިދު ނެރެފި

ކައުންސިލްތަކަށް ކުންފުނި ހަދަން ފަހިވާ ގޮތަށް ގަވައިދު ހަދައި ނެރެފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިއަދު އާއްމުކުރި ކަ އުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާ ބެހޭ ގަވައިދަށް އިސްލާހު ތަކެއް ގެނެސް ނެރުނު މި ގަވައިދާއެކު ކައުންސިލް ތަކަށް ކުންފުނި ހެދުމުގެ މަގު ފަހި ވެގެންދާނެ އެވެ.

މި ގަވައިދުގައިވާ ގޮތުން ކައުންސިލަށް ވިޔަފާރި ކުންފުންޏެއް ހަދަން ހުއްދަ ދެވޭނީ އެ ރަށެއްގައި އަމިއްލަ ފަރާތްތަކުން، އެ ވިޔަފާރި ހަރަކާތެއް ނުވަތަ ވިޔަފާރި ހަރަކާތްތަކެއް ހިންގާ މިންވަރަށް ރިއާޔަތްކޮށް ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި ރައްޔިތުންނަށް ލިބޭނެ ފައިދާ މިންކުރުމަށްފަހު ހުއްދަދޭ ވިޔަފާރި ހަރަކާތް ތަކަށެވެ. އަދި ކުންފުނީގެ ޑިރެކްޓަރުގެ ކިބައިގައި ހުންނަ ޝަރުތުތައް ކަނޑައަޅާނީ، ލޯކަލް ގަވަންމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން ރެޖިސްޓްރާ އޮފް ކޮމްޕެނީސް އެވެ.

"ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް އައްޔަނުކުރާ ކޮންމެ ފަރާތެއް، އައްޔަނުކުރުމުގެ ކުރިން، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް އަހުލުވެރިވުމަށް ޓަކައި، ރެޖިސްޓްރާރ ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަންވާނެ އެވެ،" މި ގަވައިދުގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ މި ގަވައިދު ބުނާ ގޮތުން ކުންފުންޏެއްގެ އަސާސީ ގަވާއިދުގައި ހިމަނައި ހުއްދަ ދެވޭ ވިޔަފާރި ހަރަކާތްތައް މިނިސްޓްރީގައި ރަޖިސްޓަރީ ކުރަން ލާޒިމްކޮށްފައިވެ އެވެ. އަދި މި ގަވާއިދުގައި ހުއްދަ ދީފައިވާ ވިޔަފާރި ނޫން އެހެން ކަންކަން ކުރާނަމަ އެޅޭނެ ފިޔަވަޅުތައް ވެސް ބުނެދީފައިވެ އެވެ. އެގޮތުން މި ގަވާއިދުގެ ދަށުން ހުއްދަކޮށްފައިވާ ވިޔަފާރި ހަރަކާތް ފިޔަވައި، އެހެން ވިޔަފާރި ހަރަކާތެއް ހިންގާނަމަ 10،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ.