ދެ ސިޓީ ގުޅިގެން މަސައްކަތްތައް ކުރަން މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލް އެއްބަސްވެއްޖެ އެވެ.
ދެ ސިޓީގެ މޭޔަރުންނާއި ބައެއް ކައުންސިލަރުން ހިމެނޭ ގޮތަށް އިއްޔެ މާލޭގައި ވަނީ މަޝްވަރާތައް ބާއްވާފަ އެވެ. މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ އިއްޔެގެ ބައްދަލުވުމަކީ އައްޑޫ ސިޓީ ކައުންސިލްގެ ދައުވަތަކަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ގުޅިގެން ދެ ސިޓީގެ ތަރައްގީއަށް ކުރެވެން ހުރި ކަންކަން ކުރާށެވެ. އެގޮތުން ދެ ކައުންސިލަށް މާލީ މަންފާ ލިބޭ ގޮތަށް ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށާއި ތަރިކައާއި ސަގާފަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރުމަށް އެއްބަސްވި އެވެ.
މީގެ އިތުރުން ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކަށް ލިބެންޖެހޭ ބާރުތަކާއި ހައްގުތައް ހޯދަން ދެ ސިޓީ ގުޅިގެން މަސައްކަތް ކުރުމަށް ވެސް މަޝްވަރާ ކުރި އެވެ.
ނަރީޝް ވިދާޅުވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހިމެނޭ ގޮތަށް މާލެ ސިޓީ ކައުންސިލްގެ ވަފުދެއް އައްޑުއަށް ރަސްމީ ޒިޔާރަތެއް ކުރައްވަން އިއްޔެގެ ބައްދަލުވުމުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ދައުވަތު ދެއްވެވި ކަމަށެވެ.