ވިޔަފާރި

ތަރުކާރީއާ މޭވާ ވިއްކާ ތަންތަން ރަޖިސްޓްރީ ކުރަން އަންގައިފި

Sep 5, 2020

މާލެ ތެރޭގައި ތަރުކާރި އާއި މޭވާ ވިއްކަން ހިންގަމުން ގެންދާ ތަންތަން ވިޔަފާރިއެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ލާޒިމް ކޮށްފި އެވެ.

މާރުކޭޓުގައި ބިދޭސީންނަށް ވިޔަފާރި ނުކުރެވޭ ގޮތަށް ގަވާއިދު ބަދަލު ވުމާއެކު، މާލެ ތެރޭގައި ގިނަ އަދަދެއްގެ ތަރުކާރީ އާއި މޭވާ ފިހާރަތައް ދަނީ ހިންގަމުންނެވެ. އަދި މީގެ ތެރެއިން ގިނަ ތަންތަން ހިންގަމުން ދަނީ ރަޖިސްޓްރީ ކުރުމެއް ނެތި އެވެ.

އެކަން ހުއްޓުވަން ފިޔަވަޅު އެޅުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އިކޮނޮމިކް މިނިސްޓްރީން އާންމުކޮށް އަދި އަންނަ މަހުން ފެށިގެން އަމަލު ކުރަން ފަށާ ގަވާއިދުގެ ދަށުން ރަޖިސްޓްރީ ނުކޮށް ހިންގާނަމަ 10،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި މިފަދަ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަ ނުވާނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

މި ގަވާއިދުގައިވާ ގޮތުން، މިހާރު ހިންގާ މިފަދަ ވިޔަފާރިތައް ވެސް ގަވާއިދަށް އަމަލުކުރަން ފަށާތާ އެއް މަސް ދުވަހުގެ ތެރޭ ރަޖިސްޓަރީ ކުރަން ލާޒިމްވެ އެވެ. އަދި މިފަދަ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ އެ މީހުން ވަޒީފާ އަދާ ކުރުމުގެ ގަވާއިދުގެ ދަށުން ކަމަށް ބުނެފައިވެ އެވެ.

މި ގަވާއިދަށް އަމަލު ކުރަން ފެށުމާއެކު، ތަރުކާރީ އާއި މޭވާ ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީކޮޮށް ދޭނީ އެ ވިޔަފާރިއެއް ހިންގާ އިމާރާތުގައި އެކަން ކުރުމަށް ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުން ހުއްދަ ދިނުމުންނެވެ. ހުއްދައެއް އޮތް ނަމަ އަދި ވިޔަފާރި ކުރާ ތަނެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާ ނަމަ އެވެ. އެ މިންގަނޑަށް އެ ފަދަ ތަންތަން ފެތޭތޯ ކައުންސިލްތަކުން އިންސްޕެކްޓް ކުރާނެ ކަމަށް ބުނެފައިވެ އެވެ.

މާލެ ލޯކަލް މާރުކޭޓުން ބިދޭސިން ދުރުކުރުމާއެކު އެމީހުން ވަނީ މާލެ ތެރޭގައި ވިޔަފާރި ފަށާފަ އެވެ. މިކަމުގެ ސަބަބުން ދިވެހި އުފެއްދުންތަކުގެ އަގުތައް ވެއްޓި މުޅި މާލޭގައި މިހާރު އޮތީ ހުސް އިމްޕޯޓް މުދަލެވެ. މިކަމުގެ ޝަކުވާ މާރުކޭޓު ކޮޅި ހިންގާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.