ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އިންޒާރެއް: ކޭސްތައް މަދުނުވާނަމަ ހިދުމަތްދޭ ތަންތަނަށް ނުކަތާނެ

ކޮވިޑްކޭސްތައް މިހާރު ހުރި މިންވަރުން ދަށް ނުކުރެވޭނަމަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާވަރު ވެދާނެ ކަމުގެ އިންޒާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.

އަހަރު ފެށުނު ފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ދަނީ އިތުރުވަމުންނެވެ. އެންމެ ދުވަހެއްވެސް ފަންސާހުން ދަށެއް ނުވެއެވެ. މިދިޔަ ހަފްތާގައި ކޮވިޑް ކޭސްތައް ވަނީ ކޮންމެ ދުވަހަކު 100 އިން މަތީގައެވެ. ބައެއް ދުވަސް ދުވަހު 145 ގައިވެސް ޕޮޒިޓިވް ކޭސްތައް ފެނެއެވެ. މި މުއްދަތުގައި ތިން މީހަކު މި ބަލީގައި މަރުވެއްޖެ އެވެ. އެއީ ޖަނަވަރީ ހަތްވަނަ ދުވަހު މި ބަލީގައި މަރުވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި އޭގެ ފަހުން މަރުވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޗްޕީއޭއިން މިއަދު ބުނީ މިދިޔަ ހަފްތާގައި ކޭސްތަކުގެ އަދަދު ކޮންމެ ދުވަހަކު 100 އިން މަތީގައި ހުރުމަކީ ނުރައްކަލުގެ އިންޒާރެއް ކަމަަށެވެ. މިގޮތަށް ކޭސްތައް އިތުރުވާނަމަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާވަރު ވެދާނެ ކަމަށްވެސް ބުންޏެވެ. އަދި އެކަމުގެ ސަބަބުން ކޮވިޑް-19 ނޫން އެހެން ބަލިތަކަށް ފަރުވާ ދިނުމަށްވެސް ބުރޫއަރާނެ ކަމަށެވެ. އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަަޅުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން ވަނީ ފިޔަވަަޅުތައް ވަރުގަދަ ކޮށްފައެވެ. ރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށް ކާފިއު ހިންގަންވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައެވެ. ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށްވެސް ވަނީ ނިންމާފައެވެ.