ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރެކޯޑް އަދަދެއް، 215 މީހުން ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 215 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ މި ފަހުން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 16,056 އަށް އަރާފަ އެވެ. މިއަދަކީ ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށި ދުވަހެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 159 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 56 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. މިއަދު ހެދީ 4،126 ކޮވިޑް ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،807 މީހުންނެވެ. މިހާތަނަށް 14،190 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 184 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިއީ މި ފަހުން އެންމެ ގިނަ މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ފަހަރެވެ. އޭގެ ތެރެއިން 11 މީހަކު އޮތީ ރާއްޖޭގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައެވެ. ދަރުމަވަންތަ 11 ވަނަ ފަންގިފިލާގައި ކޮވިޑްގެ އެންމެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ އައިސީޔޫގައި ހަ މީހަކު ވެއެވެ. އޭގެ ތެރެއިން ދެ މީހަކު އޮތީ ވެންޓިލޭޓަރަށްލާފައެވެ.

އެ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާއަކީ މާބަނޑު މީހުންނަށް ހާއްސަ ތަނެކެވެ. އެ ތަނުގައި ކޮވިޑް ބަލީގެ ފަސް މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަަރުވާ ދެމުންނެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނީ 168 މީހަކަށެވެ. އެ އެންމެންވެސް ތިބީ ވޯޑްގައެވެ. މީގެ އިތުރުން ގއ. ވިލިގިލީ ކޮވިޑް ފެސިލިޓީގައި އެކަކަށް އަދި ލ. ގަން ކޮވިޑް ފެސިލިޓީގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ފުވައްމުލަކު ފެސިލިޓީގައިވެސް ދެ މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދެއެވެ.

އަހަރު ފެށުނު ފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މަދު ދުވަހެއްގައި ނޫނީ ފަންސާހުން ދަށެއް ނުވެއެވެ. މި މުއްދަތުގައި ހަތަރު މީހަކު މި ބަލީގައި މަރުވެއްޖެ އެވެ. އެއީ ޖަނަވަރީ ހަތްވަނަ ދުވަހު މި ބަލީގައި މަރުވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި އޭގެ ފަހުން މަރުވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އިއްޔެވެސް މީހަކު މަރުވެފައިވެއެވެ. އިއްޔެ މަރުވެފައި ވަނީ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިދިޔަ ނުވަ މަސްތެރޭ 52 މީހަކު ކޮވިޑް ޖެހިގެން މަަރުވެއްޖެ އެވެ. އެއީ 44 ދިވެހިންނާއި 8 ބިދޭސީންނެވެ.

ރާއްޖޭގައި ކޮވިޑް ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން ވަނީ ފިޔަވަަޅުތައް ވަރުގަދަ ކޮށްފައެވެ. ރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށް ކާފިއު ހިންގަންވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައެވެ. ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށްވެސް ވަނީ ނިންމާފައެވެ.