ޓެރަރިޒަމް މަނާ ކުރާ ބިލު ފާސްކޮށްފި އެވެ. ބިލު ފާސްކުރީ 49 ވޯޓުންނެވެ. މި ބިލާ ދެކޮޅަށް 22 މެމްބަރުން ވޯޓު ދެއްވި އެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވީ ތިން މެމްބަރެކެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ހުށަހެޅުއްވި ބިލް ފާސްކުރީ ކޮމެޓީގައި އަލުން ދިރާސާކޮށް ނިންމި ގޮތަށެވެ. ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީން އެ ބިލު ތަޅުމަށް ފޮނުވީ ބިލުގެ 62 ވަނަ މާއްދާ އަށް ގެނައި ބަދަލަކާއެކު އެކަންޏެވެ.
އެ މާއްދާގައި މީގެކުރިން ބުނެފައި ވަނީ ގާނޫނަށް އަމަލުކުރަން ފަށާނީ ބިލު ފާސްވާތާ ތިންމަސް ދުވަސް ފަހުން ކަމަށެވެ. ނަމަވެސް ބިލު އަލުން ދިރާސާ ކުރުމަށްފަހު ކޮމެޓީން ނިންމީ އެ ބިލަށް އަމަލު ކުރަން ފަށާނީ އެ ބިލު ފާސްވ ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށެވެ.
މުހިންމު ނުކުތާތައް
- ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނުކުރުން
- މުދަލަށް ބޮޑެތި ގެއްލުން ދިނުން
- ކުށްކުރާ މީހާ ނޫން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވުން
- ފުރާދުއްވާ އެއްޗެހި ހައިޖެކް ކުރުން
- އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ސިއްހީ ގޮތުން ބޮޑެތި ނުރައްކަލެއް ކުރިމަތިވުން
- އަނިޔާވެރިވުމުގެ ގޮތުން ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ހިއްސަކަށް ގެއްލުން ދިނުން
ފާސް ކުރި ބިލުގައި ބުނަނީ ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ބެހުމާއި ސާކިއުލޭޓު ކުރުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށާއި ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުން ވިއްކުމާއި ދިނުމުގެ އިތުރުން އެފަދަ ލިޔެކިއުން އާންމު ގޮތެއްގައި މީހުންނަށް ކިޔޭނެ ނުވަތަ އަޑުއެހޭނެ ނުވަތަ ފެންނަން ހުންނާނެ ގޮތަށް އެތަކެތި ލިބުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށެވެ.
އެފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ ހަތް އަހަރާއި 10 ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަނޑައަޅާފައިވާއިރު ޓެރަރިސްޓް ޖަމާއަތެއްގެ ލިޔުންތައް ޓީވީ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ނަމަވެސް ފެތުރުމަކީ ވެސް ކުށެކެވެ. އެ ކުށް ކުރި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.