އީޕީއޭ

ފިނޮޅު ނައްތާލަން އުޅުނު ރިސޯޓު މެނޭޖަރު އިސްތިއުފާ ދެއްްވައިފި

ކ. ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް އަރައި އެތަން ނައްތާލަން ކުރި މަސައްކަތުގައި ބައިވެރިވި ގިލި ލަންކަން ފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް އެންމެ ފަހުން އިސްތިއުފާ ދެއްވައިފި އެވެ.

ގިލިލަންކަން ފުށީގެ އިސް ބޭފުޅަކު " އަވަސް" އަށް ވިދާޅުވީ ޑޭވިޑް އިސްތިއުފާ ދެެއްވީ މިދިޔަ ހަފްތާގައި ކަމަށެވެ.

އިސްތިއުފާ ދެއްވި ސަބަބެއް ރިސޯޓުން ނުބުނެއެވެ. އަދި އެ މައްސަލަ ތަހުގީގްކުރަމުންދާތީ އެކަމާ ގުޅޭގޮތުން އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ރިސޯޓުން ބުނެއެވެ. މެނޭޖަރު އިސްތިއުފާ ދެއްވިއިރު އޭނާ ހުރީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްފަރާތްވެސް ކޮށްފައެވެ.

ގިލިލަންކަންފުށި މުވައްޒިފުން އެ ވެލިގަނޑަށް ގެއްލުން ދިނީ ހިންމަފުށީ މީހުން އަދި ބައެއް އެހެން ރަށްރަށުގެ މީހުން އެތަނަށް ޕިކުނިކުގޮސް ހަދާތީ ފަތުރުވެރިންނަށް އުނދަގޫވާ ކަމަށް ބުނެ އެވެ. ވެލިގަނޑު ހަލާކުކޮށްލަން އެ ރިސޯޓުން ދިޔަ ޓީމުގައި ޖީއެމް ވެސް ހުއްޓެވެ.

ހިންމަފުށީ ކައުންސިލްގެ ނާއިބު ރައީސް ހަސަން ފާއިޒް "އަވަސް" އަށް ވިދާޅުވީ ފިނޮޅުގެ މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީ މެދުވެރިވެގެން ރިސޯޓާ ކައުންސިލާ ދެމެދު ވާހަކަތައް ބޭއްވުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

އެ މައްސަލަ އީޕީއޭއާ ފުލުހުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.