ދުނިޔެ

ޗައިނާގެ ސަރަހައްދަކަށް އެމެރިކާ މަނަވަރެއް ވަނުމުން ޗައިނާއިން އިންޒާރުދީފި

ބެއިޖީން (އޭޕީ) - ޗައިނާއިން ހިއްކާފައިވާ ރަށެއްގެ ސަރަހައްދަށް އެމެރިކާގެ އަސްކަރީ މަނަވަރެއް މިއަދު ވަނުމާ ގުޅިގެން ޗައިނާއިން އެމެރިކާއަށް އިންޒާރު ކޮށްފިއެވެ.

ޗައިނާއިން ބުނީ މިއީ އެގައުމާއި އެމެރިކާއާއި ދެމެދު އޮންނަ ގުޅުމަށް ބުރޫއަރައި ސަރަހައްދީ ސުލްހައަށް ލޮޅުން އަރާނެ އަމަލެއް ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެމެރިކާގެ މަނަވަރު އެ ސަރަހައްދަށް މިސްރާބު ޖެހުމުން އެ މަނަވަރަށް އިންޒާރުކުރި ކަމަށެވެ. އެހެން ނަމަވެސް އެ އިންޒާރަށް ބެލުމެއް ނެތި މަނަވަރު ޗައިނާގެ ސަރަހައްދު ހުރަސްކޮށް ދަތުރު ކުރީ ކަމަށެވެ. މި ކަމުގެ ސަބަބުން ޗައިނާގެ އިސްތިގްލާލާއި ސަލާމަތް ތެރިކަމަށް ލޮޅުން އަރައި އެ ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަވެރި ކަމަށް ބުރޫ އަރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދެކުނު ޗައިނާ ކަނޑުގައި އޮންނަ ސުބީ ފަރުގެ ސަރަހައްދަކީ އެގައުމުގެ ތަނެއް ކަމަށް ޗައިނާ ބުނެއެވެ. މި ސަރަހައްދަކީ ފިލިޕީންސުން ބުނާ ގޮތުގައި އެގައުމުގެ ބައެކެވެ. ޗައިނާގެ ވަށައިގެންވާ ސަރަހައްދުގައި އެގައުމުގެ ބާރު އިތުރުކުރުމާ އެމެރިކާ ދެކޮޅެވެ. އެމެރިކާގެ މަނަވަރު މިސަރަހައްދަށް ވަނުމަށް އިޝާރާތްކޮށް އެމެރިކާގެ އެކުވެރި ފިލިޕީންސުން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. އަދި މިއީ ބާރުތައް ހަމަހަމަ ކުރުމަށް އެމެރިކާއިން ކުރި ވަރަށް ރަނގަޅު ކަމެއް ކަމަށް ވެސް ސިފަ ކުރި އެވެ.

ދެހާސް ތޭރަ ވަނަ އަހަރުންސުރެ ޗައިނާއިން ގެންދަނީ މި ސަރަހައްދުގައި ރަށްތަކެއް ހިއްކައި ބަނދަރާއި އުމްރާނީ އެކި އެކި މަސައްކަތްތައް ހިންގަމުންނެވެ.

އެމރިކާއިން ބުނީ އެގައުމުގެ މަނަވަރު މަންޒިލަށް ވާސިލު ވުމަށް އެ ސަރަހައްދު ހުރަސް ކުރަން ޖެހުނީ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ބައިންލް އަގްވާމީ ގާނޫނުތަކާ އެއްގޮތަށް ދުނިޔޭގެ އެކި ގކަނޑު ތަކުގައި ދަތުރު ކުރާނެ ކަމަށާއި އެކަމުގައި ސައުތު ޗައިނާ ކަނޑު އިސްތިސްނާ ނުވާ ކަމަށެވެ. ޗައިނާއިން ބުނީ މިފަދަ އަމަލު ތަކުން ޗައިނާގެ އަސްކަރީ ގާބިލުކަން އަދިވެސް އިތުރުކުރަން މަޖުބޫރުވާ ކަމަށެވެ.

ބައިނަލް އަގްވާމީ ގާނޫނު ބުނާގޮތުން އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދު ސުލްހަވެރި ކަމާއެކު ހުރަސްކުރުމަކީ ކުށެއް ނޫނެވެ. އަދި ވަކި އުސޫލުތަކެއްގެ ދަށުން ވަކި ދުރު މިނަކުން ހުރަސްކުރާއިރު އަނެއްގައުމުގެ ހުއްދަ ކުރިން ހޯދާކަށް ނުޖެހެއެވެ.