ވިޔަފާރި

އޮކިއުޕެންސީ: ރިސޯޓްތައް ދަށަށް، ގެސްޓް ހައުސްތައް މައްޗަށް!

ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް ދަށްވެ، ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީ ރޭޓް އުފުލިއްޖެ އެވެ.

މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހަށް ނެރެފައިވާ ޓޫރިޒަމް އެރައިވަލް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރިސޯޓުތަކުގެ 81 ޕަސެންޓް ހުރީ ފުލްކޮށެވެ. ނަމަވެސް މި އަހަރު ރިސޯޓުތަކުން ފުލްވެފައިވަނީ 77 ޕަސެންޓެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ތިން ޕަސެންޓުގެ ދަށް އަދަދެކެވެ.

މި ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި 289 ގެސްޓް ހައުސް ހުރިއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ސެޕްޓެމްބަރު މަހާ ދެމެދު ގެސްޓް ހައުސްތައް ހިންގަމުން ދިޔައީ އެވްރެޖު ގޮތެއްގައި 19 ވަރަކަށް ޕަސެންޓުގެ އޮކިއުޕެންސީއެއްގަ އެވެ. ނަމަވެސް މި އަހަރު ގެސްޓް ހައުސް އޮކިއުޕެންސީ ރޭޓް މިވަނީ 22.5 ޕަސެންޓް މަތިވެފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 3.5 ޕަސެންޓުގެ ކުރިއެރުމެކެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 919،277 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 910،004 ޓޫރިސްޓުންނެވެ. މިއީ ގާތްގަނޑަކަށް ދެ ޕަސެންޓުގެ ދަށް އަދަދެކެވެ.