ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖާ ގުޅިފަޅު ޕޯޓްގެ މަސައްކަތް ފަށަނީ

މާލެ، ވިލިނގިލި އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖްގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ކުރިއަށް ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާ ކުންފުންޏަކާ އެވެ. އެގޮތުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަހަރަށް މަޖިލީސް ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވީ މާލޭގައި މިހާރު ގާއިމުވެފައި އޮތް ރާއްޖޭގެ މަރުކަޒީ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން ބިންހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް، މިދިޔަ އަހަރު ނިމިފައިވާ ކަމަށެވެ. އެބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރަައީސް ވިދާޅުވިއެވެ. އަދި މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ބްރިޖުން ގުޅައިލުމުގެ އަމަލީ މަސައްކަތް ވެސް، ކުރިއަށް އޮތް ހަ މަސްތެރޭގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލެ އާއި ތިލަފުށި އަދި ވިލިމާލެ ގުޅިގެންދާ ގޮތަށް ބްރިޖް އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކޮށްފައިވަނީ ނެދަލެންޑްސްގެ ކުންފުންޏަކުން 15 މިލިއަން ޑޮލަރަށެވެ. ނެދަލޭންޑުގެ ފުގްރޯ ކުންފުނިން މި މަސައްކަތުގެ ދަށުން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުގެ މަސައްކަތް ކޮށް ދިރާސާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ތިލަ މާލެ ބްރިޖަށް، އިންޑިއާއިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނު ދިނުމުގެ އެއްބަސްވުމުގައި ވަނީ ސޮއިވެސް ކޮށްފައެވެ. އެ ފައިސާގެ ތެރެ އިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ އޮތް 400 މިލިއަން ޑޮލަރަކީ ލޯނެވެ.

ވިޔަފާރި ބަނދަރު ގުޅިފަޅުގައި ހެދުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށް ނިންމިއެވެ. އެ ނިންމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުން ބަދަލުކޮށް ގުޅިފަޅު ހިއްކައިގެން ލިބޭ ބިމުގެ ސަރަހައްދަށް އެ ބަނދަރު ބަދަލު ކުރުމަށް ނިންމީ މިދިޔަ އަހަރު އެވެ.