ރިޔާސީ ބަޔާން

މި އަހަރު 18 ރިސޯޓް ހުޅުވާނެ: ރައީސް

މިހާރު ތަރައްގީ ކުރަމުން އަންނަ ރިސޯޓްތަކާއެކު މި އަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާކެޓަށް ނެރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރަށް މަޖިލީސް ހުޅުވައިދެއްވާ އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނު ފަތުރުވެރިކަން އަލުން ކޮޅަށްޖެހުމަށް މަސައްކަތް ކުރަމުންދާ ކަމަަށެވެ. މިހާރު ތަރައްގީ ކުރަމުން އަންނަ ރިސޯޓްތަކާއެކު މި އަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާކެޓަށް ނެރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވިދާޅުވިއެވެ.

"މިހާރު ތަރައްގީ ކުރަމުން އަންނަ ރިސޯޓްތަކާއެކު މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާކެޓަށް ނެރެވޭނެ ކަމަށް އަންދާޒާ ކުރެވޭ. އެހެންކަމުން، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް އިތުރު 9000 ވަޒީފާ މިއަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވޭ،" ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަން އަލުން ކޮޅަށްޖެހުމަށް މަސައްކަތް ކުރާއިރު މި ސިނާއަތުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާ ދެކުނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާ އެ އަމާޒަށް ވާސިލުވުމަށްޓަކައި، ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް ރާއްޖޭގެ އެކި ރަށްރަށުން މިދިޔަ އަހަރުގެ ފަހުކޮޅު ބިންތަކެއް ބީލަމަށް ހުޅުވާލައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިސޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް ދިގު މުއްދަތަށް އެހެން ފަރާތްތަކަށް ކުއްޔަށް ދެވޭ ގޮތަށް، ގާނޫނަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވާ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

އިގްތިސާދީ ސިނާއަތްތައް ފުޅާކުރާއިރު އެ ސިނާއަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.