ލައިފްސްޓައިލް

180 އަހަރު ދުނިޔޭގައި ހުރެވިދާނެ ކަމަށް ގަބޫލުކުރާ މީހެއް!

ދުނިޔޭގައި 180 އަހަރު ވަންދެން އުޅެވިދާނެ ކަމަށް މަލްޓިމިލިއަނަރު ގަބޫލު ކުރެ އެވެ. އޭނާ އަމިއްލައަށް ގަބޫލުކުރާ ގޮތުގައި އޭނާއަކީ "ބައޯހެކާ" އެކެވެ. މާނައަކީ އަމިއްލައަށް ކެއުމާއި އުޅުމަށް ބަދަލުތައް ގެނެސްގެން ހަށިގަނޑު ބޭނުން ގޮތަކަށް ގެންގުޅެވިދާނެ މީހެކެވެ.

މި މީހާ ގަބޫލުކުރާ ގޮތުގައި ހެނދުނު ސައި ނުބުއިމަކީ މިގޮތަށް 180 އަހަރު އޭނާއަށް ދުނިޔޭގައި އުޅެވުމުގެ ތަޅުދަނޑި އެވެ. ހެނދުނު ސައި ނުބުއިމުން އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް އިހްސާސް ކުރެވޭ ކަމަށާއި އޭނާގެ ދިގު އުމުރުގެ ސިއްރަކަށް ވާނީ އެކަން ކަމަށް އޭނާ ބުންޏެވެ.

މި މީހާ ދައްކާ ވާހަކަ ތަކާ ދުނިޔޭގެ ގިނަ ބަޔަކު ހިތްހަމަނުޖެހި މަލާމާތް ކުރަމުން ދިޔަޔަސް މި މީހާ ބުނަނީ ހެނދުނު ސައި ނުބުއިމަ އެ ލިބޭ ހިތްހަމަޖެހުމުން އުމުރު ދިގުވާ ކަމަށެވެ.

ވީހާވެސް ގިނަ ދުވަހު ދުނިޔޭގައި ހުންނަން ބޭނުންވެގެން ޑަވޭ އެސްޕްރޭ މިހާތަނަށް 1،000،000 ޑޮލަރު އޭނާގެ އަމިއްލަ ޖީބުން ހުސްކޮށްލާފައި ވެއެވެ.

ހެނދުނު ސައި ނުބުއިމުގެ އިތުރުން މި މީހާ ކުރާ ކަންތަކުގެ ތެރޭގައި ދޭތެރެ ދޭތެރެއިން ދުވާލު ނުކައި ހުރުމާއި ކްރައިޔޯތެރަޕީ ޓްރީޓްމަންޓް އަދި ފުންކޮށް ނިދުން ހިމެނެ އެވެ. ކްރައިޔޯތެރަޕީއަކީ ހަށިގަނޑު ގަނޑުވާވަރަށް ފިނިކޮށްގެން ނަގާ ޓްރީޓްމަންޓެކެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި އޭނާ މި ގެންގުޅޭ އުކުޅުތަކުން ހަށިގަނޑުގައި ތަފާތު ގޮތަކަށް ހަކަތަ އުފައްދާނެ އެވެ. އަދި އޭގެ ސަބަބުން އެވްރެޖް މީހެއްގެ އުމުރަށް ވުރެ ދެ ގުނަ ދިގު އުމުރަކަށް އޭނާއަށް ދުނިޔޭގައި ހުރެވިދާނެ އެވެ.

"ހެނދުނުގެ ސައި ނުބުއިން ވަރަށް މުހިއްމު ކަމެއް. އަދި އިންޓަމިޓެންޓް ފާސްޓިން ދަސްކުރަން ޖެހެ އެވެ. އިންޓަމިޓެންޓް ފާސްޓިންގައި އެމީހަކު ޚިޔާރުކުރާ އަށެއްކަ ގަޑިއިރު ކެއުމަށްފަހު ރެއަކާ ދުވާލުގެ ބާކީ އޮތް ހުރިހާ ގަޑިއެއްގައި ހުންނަން ޖެހެނީ ނުކައެވެ.

މިގޮތަށް ކަންތައް ކުރުމުން ގައިގެ ހަކަތަ އިތުރުވެ ބަރުދަން ލުއިވާން ފަށައި ހިތްހަމަޖެހުން ލިބޭނެ ކަމަށް އޭނާ ދެކެ އެވެ.

އޭނާ ބުނާ ގޮތުގައި ދިގު އުމުރެއްގައި ދުނިޔޭގައި ހުންނަން ބޭނުންނަމަ ރޭގަނޑުގެ ކެއުން ވީހާވެސް އަވަހަކަށް ކައި ނިންމަން ޖެހޭނެ އެވެ. ކެއުން ގަޑިއެއްހާއިރަށް އަވަސް ކޮށްލިޔަސް ހަޖަމު ކޮށް ނިންމައި މަރާމާތުގެ މަސައްކަތް އެއްގަޑިއިރު ކުރިން ހަށިގަނޑަށް ފެށޭނެ އެވެ. އަބަދު ބަނޑުގައި ކާއެއްޗެތި ހުންނަނަމަ ހަށިގަނޑު އަބަދު ކުރާނީ ހަޖަމުކުރުމުގެ މަސައްކަތެވެ. ހަށިގަނޑު މަރާމާތު ކުރާނެ ވަގުތެއް ނުވާނެ އެވެ.

އެހާ ގިނަ ދުވަހު ދުނިޔޭގައި ހުރެއްޖެނަމަ ކޮން ކަހަލަ ކޮލިޓީއެއް ދިރިއުޅުމުގައި ހުރެދާނެ ކަމަށް ގަބޫލު ކުރެވޭތޯ މީހަކު ޑަވޭ އާ ސުވާލު ކުރި އެވެ.

"ތިއޭ އަހަރެންގެ މައްސަލައަކީ. އެންމެން ވެސް އަހަންނާއެކު 180 އަހަރު ދުވަހު ދުނިޔޭގައި ނޫޅޭނަމަ އަހަރެން ވެސް އެހާ ދުވަހު ދުނިޔޭގައި ހުންނާކަށް ބޭނުމެއް ނޫން. ސަބަބަކީ އަހަރެން ދުނިޔޭގައި ހުރި އަހަރެންގެ ދަރިން މަރުވާތަން ދެކެން ބޭނުން ނުވާތީ. އަހަރެންނަށް އެ ވޭން ތަހައްމަލެއް ނުކުރެވޭނެ. އެއީ ދިރިއުޅުމުގައި ކަން އޮންނަން ޖެހޭ ގޮތެއް ވެސް ނޫން،" ޑަވޭ ބުންޏެވެ.

ޑަވޭ މި ދައްކާ ވާހަކައަކާ ގިނަ މީހުން އެއްބަހެއް ނުވެ އެވެ. އޭނާއާ ބެހޭގޮތުން ލިޔެފައިވާ މި ޚަބަރަށް ކޮމެންޓުކުރި ގިނަ މީހުން ބުނީ ކެއުމުގައި މައްސަލަތައް ދިމާވާ ނުވަތަ އީޓިން ޑިސްއޯޑާޒް ހުންނަ މީހުން މީނަ ދައްކާ ވާހަކަ ނާހާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ދެވަނަ މީހާގެ ކޮމެންޓުގައި އޭނާ ހެނދުނުގެ ސައި ނުބޮއި ހުއްޓާ އޭނާ އާ ބައްދަލުކުރަން އެއްވެސް މީހަކު ބޭނުންވާނެހެން ހީނުވާ ކަމަށެވެ. އެކަމުގެ ސަބަބުން އޭނާގެ އުމުރު ކުރުވުމުގެ އިތުރުން އޭނާ މުޅިން އެހެން މީހަކަށް ބަދަލުވާނެ ކަމަށެވެ.

"ހެނދުނު ސައި ނުބޮއި ހުރުމުން ހަކަތަ އިތުރުވެޔޭ؟ ސައިންސްވެރިންގެ ދިރާސާތަކުން ދައްކަނީ ހެނދުނު ސައި މުހިއްމު ކަމަށް. ހެނދުނު ސައި ނުބޮއި ސިކުނޑީގެ ބާރު ވެސް ދެރަވާނެ ކަމަށް،" ތިންވަނަ މީހާ ކުރި ކޮމެންޓުގައި ވެއެވެ.
ކޮންމެއަކަސް ޑަވޭ ބުނާ ގޮތަށް ހަދައިގެން އޭނާއަށް 180 އަހަރު ދުނިޔޭގައި ހުރެވުނުތޯ ނުވަތަ ނޫންތޯ ބަލަން މިހާރު ދުނިޔޭގައި ތިބި އެއްވެސް މީހަކު ހުންނާނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ.