ކަނޑުމަތީގެ ހާދިސާ

ގެނބުނު ދެ ދަރިން ސަލާމަތްކުރަން އުޅުނު ބައްޕަ މަރުވެއްޖެ

މޫދަށް އެރި އުޅެނިކޮށް ދެ ދަރިން ގެނބޭތަން ފެނިގެން އެ ކުދިންގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތްކުރި ބައްޕައަކު ގެނބިގެން މަރުވެއްޖެ އެވެ.

ޖޮނަތަން ސްޓީވަންސް، 36، އޭނާގެ އާއިލާ ގޮވައިގެން ވޭލްސްގެ ބާމައުތުގެ ބީޗަކަށް ގޮސް އުޅެނިކޮށް އޭނާގެ ދެ ދަރިން ގެނބޭތީ ސަލާމަތް ކުރަން ގޮވާ އަޑު އިވިގެން ދުވެފައި ގޮސް މޫދަށް ފުންމާލީ އެވެ. އެ ކުދިން ގެނބުލީ ޕެޑްލް-ބޯޑިން ކުރަން އުޅެނިކޮށެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އެ ކުދިންގެ ބައްޕައަށް އެކުދިން ގެނބޭ މަންޒަރު ފެނިފައި 'މަގޭ ދަރިން ގެނބެނިއްޔޭ. އެމީހުން ސަލާމަތްކުރަން އަވަހަށް ދާންވިއްޔޭ' ކިޔާ ހަޅޭއްލަވަމުން ދުއްވައިގަތީ އެވެ. އެމީހާ މޫދަށް އެރުނު ގޮތަށް އޭނާ ވެސް އޮއިވަރުގައި ޖެހި ގެނބެން ފެށުމުން ދެ އަތް ހޫރާ އެހީއަށް އެދި ގޮވަން ފެށި އެވެ.

ޑިއުޓީ ދުވަސް ނޫން ނަމަވެސް ކޯސްޓްގާޑް އޮފިސަރު އެލެކްޒެންޑަރު ހިލް ވެސް އެ ދުވަހު އޭނާގެ ބައްޕަ އާއި ދަރިފުޅާއެކު އެ ބީޗަށް އައިސް ހުއްޓެވެ. އޭނާއަށް މިއެންމެން ގެނބޭތަން ފެނުމުން އަވަހަށް އެމީހުންނަށް އެހީވާން މޫދަށް ފޭބި އެވެ.

ވޭލްސްގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި އެލެކްޒެންޑަރު ބުނީ އޭނާ މޫދަށް އެރުނުއިރު ދެ ކުދިން މޫދުގައި 100 މީޓަރު ދުރުގައި ތިބެ ގެނބޭތީ ސަލާމަތްވާން ތެޅެމުންދާތަން ފެނުނު ކަމަށެވެ. ވަގުތުން ކަމާ ބެހޭ އިދާރާއަށް ގުޅައި އެހީތެރިކަމަށް އެދިފައި އެލެކްޒެންޑަރު މޫދަށް އެރުނުއިރު އެ ކުދިންގެ ބައްޕަ ވެސް ދުވަމުން އައިސް މޫދަށް ފުންމާލައިގެން އެކުދިން ސަލާމަތްކުރަން ދާތީ ފެނުނު ކަމަށް އެލެކްޒެންޑަރު ބުންޏެވެ.

"އެމީހާ އަހަރެން ކައިރިން ލާފައި ވަރަށް ބާރަށް ގޮސް މޫދަށް އެރުނީ. އެރުނު ގޮތަށް އޮޔާއެކު އޭނާ ދަމައި ގަތީ އެ ކުދިން ތިބި ދިމާލަށް ނޫން އެހެން ދިމާލަކަށް. އޭނާ އެ ދިޔަ ގޮތަށް ގޮސް ގެއްލުނީ،" އެލެކްޒެންޑާ ބުންޏެވެ.

ގެނބުނު ދެ ކުދިންގެ ތެރެއިން އަންހެންކުއްޖާ ސަލާމަތްކުރީ އެލެގްޒެންޑާ ގޮހެވެ. ފިރިހެންކުއްޖާ ސަލާމަތްކުރީ އެ ވަގުތު އެތަނުގައި ހުރި މާކަސް ހިއުލެޓް ކިޔާ މީހެކެވެ.

"އަހަރެން ފިރިހެންކުއްޖާ ސަލާމަތްކުރުމަށްފަހު އެއްގަމަށް ގެނައިމަ އެ ކުއްޖާ ބުނި ޝުކުރިއްޔާއޭ. އަހަރެންގެ ހާލު ރަނގަޅޭ. ބައްޕަ ހޯދައިދޭށޭ،" މާކަސް ބުންޏެވެ.

މާކަސް ބުނި ގޮތުގައި ކުއްޖާ އެއްގަމުގައި ބަހައްޓާފައި އޭނާ މޫދަށް ބަލާލިއިރު ފެން މަތީގައި އެއްޗެއް އޮތްތަން ފެނުނެވެ. ވަގުތުން ފަތާފައި އެހިސާބަށް ދިޔައިރު އެކުދިންގެ ބައްޕަ ފެންމަތީގައި ހަރަކާތެއް ނެތިފައި އޮއްވާ ފެނުނެވެ.

"އަހަރެން ވަރަށް ހާލުން އޭނާ އެއްގަމަށް ގެނައީ. މޫނު ފެނަށް ފެން ނޭޅޭނެ ގޮތަށް ބަލައިގެން އޭނާ އެއްގަމަށް އެރުވީ،" މާކަސް ބުންޏެވެ.

ހެލިކޮޕްޓަރުގައި ވަގުތުން އެ ކުދިންގެ ބައްޕަ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭރުވެސް އޭނާ އޮތީ މަރުވެފަ އެވެ.
ކަމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި ފިރިހެންމީހާ މަރުވީ އޭނާގެ ދަރިން ގެނބޭތަން ފެނިފައި އެ ކުދިން ސަލާމަތްކުރަން މޫދަށް ފުންމާލުމުން އޮޔާ ދަމައިގަނެގެންނެވެ.