ދިރިއުޅުން

ބަނގުރާ ކަމަށް ސެނެޓައިޒާ ބޮއިގެން މަރު

Mar 28, 2020
1

ބަނގުރާ ކަމަށް ހީކޮށް ސެނެޓައިޒާ ފުޅިއެއް ބޯލައިގެން އިންޑިއާގެ ކެރެލާ މީހަކު މަރުވެއްޖެ އެވެ. ރާމަންކުއްޓީ ނަމަކަށް ކިޔާ މި މީހާ އަކީ ކުށްވެރިވެގެން ޖަލަށް ލާފައި ހުރި މީހެކެވެ. އޭނާ މަރުވީ ޖަލުގެ ގޮޅިތެރެއަށް ހޭނެތިގެން ވެއްޓިފައި އޮއްވާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އެ މީހާ ހުރި ޖަލުގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ ސްޓޭޓް ސަރުކާރުގެ އިރުޝާދުގެ ދަށުން ޖަލުގައި ތިބި ގައިދީން ލައްވާ ފޭސް މާސްކާއި ސެނެޓައިޒާ އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ މި ތަކެތި މާ ބޮޑަށް ކެރެލާގައި މަދުވުމާއި ޖަލުގައި ތިބި ގައިދީން ލައްވާ ވެސް މަސައްކަތެއް ކުރުވައިގެން އެ މީހުންގެ ވަގުތު ވެސް ރަނގަޅަށް ބޭނުން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުންނެވެ.

ލަފާ ކުރެވެނީ ގައިދީން ލައްވާ ތައްޔާރު ކުރަމުންދިޔަ ސެނެޓައިޒާ ފުޅިތަކުން ފުޅިއެއް އެ މީހާ ބޯލައިގެން ހޭ ނެތުނީ ކަމަށެވެ.

ޖަލުގެ ފަރާތުން ބުނެފައިވަނީ އެ ތަނުން އުފައްދާ ސެނެޓައިޒާގައި މައިގަނޑު ގޮތެއްގައި ހުންނަނީ އައިސޯޕްރޮޕީލް ކިޔާ އަލްކޮހޯލް އެއް ކަމަށެވެ.

މި މީހާ މަރުވީ ސެނެޓައިޒާ ބޮއިގެން ކަމަށް ޝައްކު ކުރެވުނަސް އޭނާގެ މަރުގެ ހަގީގީ ސަބަބު އެނގޭނީ ޕޯސްޓް މޯޓަމް ރިޕޯޓް ލިބުމުން ކަމަށް ޖަލުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

އިންޑިއާގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުންދަނީ ކެރެލާގައި ކަމަށް ވާތީ އެ ސްޓޭޓްގައި ފޭސްމާސްކާއި ސެނެޓައިޒާގެ ބޭނުން ވަރަށް ބޮޑަށް އިތުރުވެ އެ އެއްޗެހި ވަނީ ވަރަށް މަދުވެފަ އެވެ. އެހެންވެ ކެރެލާގެ ޖަލުގައި ތިބި ގައިދީން ވަނީ ދެ ދުވަސް ތެރޭގައި 6،000 މާސްކް ތައްޔާރުކޮށްދީފަ އެވެ. އަދި ގިނަ އަދަދެއްގެ ހޭންޑް ސެނިޓައިޒާ ވެސް އުފައްދާފައި ވެއެވެ.