ވަޒީފާއާބެހޭ ޓްރައިބިއުނަލް

ކްރައުންއިން ވަކިކުރި މީހުނަށް އިންސާފެއް ނުލިބޭ: ޓީމް

ކްރައުން ކޮމްޕެނީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމި ގޮތުން އެ މުވައްޒަފުންނަށް އެއްވެސް އިންސާފެއް ނެތްކަން އެނގިގެން ގޮސްފައިވާ ކަމަށް އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ޓުއަރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮޕް މޯލްޑިވްސް (ޓީމް) އިން ބުނެފި އެވެ.

ކްރައުން ކޮމްޕެނީން ހިންގާ ރަންގަލި އައިލެންޑް ރިސޯޓަށް ރިޑަންޑެންސީ ހާލަތު ދިމާވެފައިވާ ކަމަށް ބުނެ މީގެ ނުވަ އަހަރު ކުރިން 22 މުވައްޒަފަކު ވަކިކުރި އެވެ.

ޓްރައިބިއުނަލްއިން އެ މައްސަލަ ނިންމީ މުވައްޒަފުންނާ އެއްކޮޅަ ށެވެ. ހައި ކޯޓުން ވެސް އެ ނިންމުމަށް ތާއީދުކޮށް 27.1 މިލިއަން ރުފިޔާ ދޭން ޖެހޭކަމަށް ހުކުމެއް ކުރި އެވެ. ނަމަވެސް އިސްތިއުނާފުގެ މަރުހަލާތަކަށް ދިގު ދެމިގެން ދިއުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނިންމީ އެ މުވައްޒަފުންނަށް ވަޒީފާ ދޭން ނުފެންނަ ކަމަށެވެ. އަދި މުވައްޒަފުން ވަކިކުރުމުގެ ކުރިން އެމީހުން ކުރި ހަޅުތާލާއެކު އިތުބާރު ގެއްލިފައި އޮތުމާއި އެމީހުންގެ ނޯޓިހަށްވާ ފައިސާ އާއި އިނާޔަތްތައް ދީފައި އޮތުމުން ބަދަލުގެ ގޮތުގައި އެއްޗެއް ނަގައިދޭން ނުފެންނަ ކަމަށެވެ.

އެ ހުކުމާ ގުޅިގެން ޓީމްއިން ނެރުނު ބަޔާނުގައި ބުނީ އެ ކޯޓުގެ ނިންމުމުން އެނގެނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކިތަންމެ އިހާނެތިކޮށް މުވައްޒަފަކު ވަކިކުރިޔަސް ވަޒީފާ ދޭ ފަރާތުން އެއްްވެސް ޒިންމާއެއް ނަގަން ނުޖެހުން ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމާއި ހަޅުތާލު ކުރުމާއި ޖަމިއްޔާތައް ހެދުންފަދަ ހައްގުތަކުގެ ބާރު ކަނޑުވާލުން ކަމަށެވެ.

"... އަދި ހަމައެހެންމެ ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފުކު ވެސް ގާނޫނުތަކާ ހިލާފަށް ވަކިކުރަންވީ ކަމެވެ. އަދި ކޯޓު މަރުހަލާގައި މައްސަލަ ދިގު ދަމާލައި އިތުބާރު ނެތް ކަމަށް ވަޒީފާ ދޭ ފަރާތްތަކުން ބުނާ ހިސާބުން ވަކިކުރެވޭ މުވައްޒަފުންނަށް އަނބުރާ ވަޒީފާއެއް، އެއްވެސް ބަދަލެއް އިންސާފެއް ފޯރުކޮށް ދޭން ނުޖެހޭ ކަމަށް މާނަ ކުރެވޭ ގޮތަށް ކޮށްފައިވާ ހުކުމެއް ކަމުގައިވެސް ދަންނަވަމެވެ." ޓީމްގެ ބަޔާނުގައި ބުނެފައެވެ.

މުވައްޒަފުންނަށް ވަޒީފާ ދޭން ނުފެންނަކަމަށް ސުޕްރީމް ކޯޓުން ނިންމި ނަމަވެސް މުވައްޒަފުންނަށް ގެއްލުމެއް ލިބިފައިވާ ކަމަށް ގަބޫލު ކުރާނަމަ ބަދަލު ހޯދަން އަލުން ކޯޓަށް ހުށަހެޅިދާނެ ކަމަށް އެ ހުކުމްގައި ބުނެފައި ވެއެވެ.

ޓީމުން ބުނީ ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅަން ނިންމާފައިވާ ކަމަށާއި އިންސާފު ލިބެންދެން މަސައްކަތް ކުރާނެ ކަަމަށެވެ.