ރިޑަންޑަންސީގެ ދަށުން، ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ މައުލޫމާތު ނުދޭ 33 ރިސޯޓެއް އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ވިޔަފާރި އަށް އަސަރުކޮށް ހިދުމަތް ނުވަތަ ވިޔަފާރި ހުއްޓޭ ހާލަތްތަކުގައި ރިޑަންޑަންސީގެ ދަށުން މުވައްޒަފުން ވަޒީފާ އިން ވަކި ކުރެވޭ ގޮތަށް ސަރުކާރުން އިސްލާހު ހުށަހަޅައި ވަޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާ އަށް ވަނީ އިސްލާހުކޮށްފަ އެވެ. މި އިސްލާހާއެކު ކޮވިޑް-19 ގެ ސަބަބުން ވިޔަފާރި އާއި ހިދުމަތް ތަކަށް އަސަރުކޮށްފައިވާ ބައެއް ތަންތަނުން މުވައްޒަފުން ވަޒީފާ އިން ވަކި ކުރަން ބާރު ލިބިގެންދިޔަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ރިޑަންޑެންސީ ގެ ގޮތުގައި ވަޒީފާ އިން ވަކިކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހޯދަން މިދިޔަ މަހު އިއުލާނު ވެސް ކޮށްފަ އެވެ. ނަމަވެސް މި އިއުލާނާ ގުޅިގެން މައުލޫމާތު ލިބިފައިވަނީ ވަރަށް މަދު ފަރާތަކުން ކަމަށް އެ މިިނިސްޓްރީން ބުނެފައިވެ އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ރިސޯޓް ތަކުން ވަޒީފާ އިން ވަކިކޮށްފައިވާ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެދުމުން މިހާތަނަށް، 33 ރިޒޯޓަކުން މުވައްޒަފުންނާ ބެހޭ މައުލޫމާތު ނުދީއެބައޮތް ކަމަށެވެ. ނަމަވެސް އެ ރިސޯޓުތަކުގެ ނަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ. ރާއްޖޭގައި 150 އެއްހާ ރިސޯޓު ހިންގަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޒާމިރު އަވަސް އަށް މިއަދު ވިދާޅުވީ ރިޑަންޑެންސީގެ ދަށުން ވަޒީފާއިން ވަކިކުރި މީހުންގެ މައުލޫމާތު ހޯދަން އެދުމުން މިހާތަނަށް މައުލޫމާތު ލިބިފައިވަނީ 67 ފަރާތަކުން ކަމަށެވެ.
"މައުލޫމާތު ހޯދަނީ ހަމައެކަނި ޓޫރިޒަމް ދާއިރާ އަކުން ނޫން. ސަރުކާރުން ވިޔަސް ޕްރައިވެޓް ސެކްޓާއިން ވިއަސް ވަޒީފާއިން ވަކި ކުރި ފަރާތްތަކުގެ މައުލޫމާތު. އެކަމަކު މިކަމަށް ލިބޭ ތަރުހީބު ކުޑަވީމަ ދެވަނަ ފަހަރަށް އިއުލާނު ކުރީ،" ޒާމިރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ މިނިސްޓްރީގެ އިއުލާނުގަައި 33 ރިސޯޓަކުން މައުލޫމާތު ނުދޭކަމަށް މެންޝަން ކުރީ އާއްމުންނަށް އަންގައިދިނުމަށް ކަމަށެވެ.
"ގިނަ ރިސޯޓުތަކުން މައުލޫމާތު ދެމުންދޭ. އެކަމަކު ލިބިފައި ނުވޭ 33 ރިސޯޓަކުން. އެހެންވެ މެންޝަން ކުރީ،" ޒާމިރު ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ސަބަބުން ވިޔަފާރި ދަށްވުމާއެކު އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ޓޫރިޒަމް ދާއިރާ އެވެ. ޓޫރިޒަމް ދާއިރާގައި 45،000 މީހުން މަސައްކަތް ކުރާއިރު މީގެތެރެއިން ބޮޑު ބައެއްގެ ވަޒީފާ އަށް އަސަރުކޮށް ގެއްލުންވި އެވެ. ނަމަވެސް ގެއްލުނު ވަޒިފާގެ ސިދާ އަދަދެއް އެނގޭނެ ދިރާސާއެއް ސަރުކާރުން މިހާތަނަށް ހަދާފައެއް ނުވެ އެވެ.