ޕީއެސްއައިޕީ

ހުޅުމާލޭގައި އާ ސުކޫލެއް އަޅަނީ

ހުޅުމާލޭގައި އާ ސުކޫލެއް އިމާރާތް ކުރަން އެޑިއުކޭޝަން މިނިސްޓްރީން އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފި އެވެ.

އެޑިއެކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު މުހައްމަދު އިރްފާނެވެ.

އަލަށް އިމާރާތްކުރާ މި ސުކޫލުގެ ނަމަކީ "ސަލާހުއްދީން ސުކޫލް" އެވެ.

މިނިސްޓްރީން ބުނީ، މި މަޝްރޫއަށް 118 މިލިއަން ރުފިޔާ ހަރަދު ކުރަން ނިންމާފައިވާ ކަމަށާއި، 390 ދުވަހުގެ ތެރޭގައި ސުކޫލުގެ މަސައްކަތް އެކީ ނިމިގެން ދާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް މަސައްކަތް ނިމޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

މި ސުކޫލަކީ މިދިޔަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދު ކޮށްގެން އިމާރާތްކުރަން ނިންމާފައިވާ ސުކޫލެއް ނަމަވެސް ސުކޫލުގެ މަސައްކަތް ހުއްޓިފައި އޮތީ ކޮވިޑް-19 އާއި ގުޅިގެންނެވެ. ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ސުކޫލުގައި 1000 ދަރިވަރުންގެ ޖާގަ ހިމެނޭނެ ކަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.