މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ މެމްބަރުކަމަށް 11 ނަމެއް ހުށަހަޅައިފި

އެންމެ ފަހުން ހުސްވި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުގެ މަގާމަށް 11 ނަމެއް ހުށަހަޅައިފި އެވެ.

އެ މަގާމުތަކަށް އައްޔަނުކޮށްފައިވާ ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތައް މަޖިލީހުގައި މިއަދު ވަނީ އިއްވައިފަ އެވެ. އަދި އެ ނަންތައް ދިރާސާކޮށް ބްރޯޑްކަމްގެ މެމްބަރުކަަމަށް އައްޔަނުކުރާނެ ބޭފުޅެއްގެ ނަން ފާސް ކުރުމަށް ވަނީ އެދިފަ އެވެ.

ބްރޯޑްކަމުގެ މެމްބަރުކަމަށް ރައީސް ސޯލިހް ހުށަހެޅުއްވި ލިސްޓުގެ ކުރީގައި އޮތީ ރާއްޖެ ޓީވީގެ ޕްރެޒެންޓަރު މުހައްމަދު ފަޒީން އެވެ. އޭނާގެ ފަހަތުން ލިސްޓުގައި ދެން އޮތީ ވީޓީވީގެ ކުރީގެ ޕްރެޒެންޓަރު ޝިފްޒާ މުސްތަފާ އެވެ. ލިސްޓުގެ ތިން ވަނައިގައި އޮތީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝިފާ ތައުފީގް އެވެ.

ލިސްޓުގައި ދެން ހިމެނޭ ނަންތައް
އަލީ މުހައްމަދު މަނިކް، ދަފްތަރު ނަންބަރު 1851
އަހުމަދު މޫސާ، ހ. ހަމްސާވިލާ
ޒުބައިރު އަހުމަދު މަނިކް، ގ. މަލްވިނަ
ހަސަން ރަޝީދު، ފްލާވާގެ، ސ. މަރަދޫ
އައިޝަތު ހުސައިން މަނިކް، ހ. ރީނދޫކޮކާގެ
މުހައްމަދު ޝާމިހް، އިރުދޭމާގެ، ގދ. ގައްދޫ
ހުސައިން އަމްރު، ވ. ރޯޝަން
އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް

ބްރޯޑްކަމުގެ މެމްބަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު މަހާމުން އިސްތިއުފާ ދެއްވުމުން ނެވެ. ޒީނާ އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމަށް މަޖިލީހުގައި މަޝްވަރާކުރަމުން ދަނިކޮށެވެ.

ބްރޯކޮމްގެ ރައީސް ކަމުގައި މިހާރު ހުންނެވީ މަރިޔަމް ވަހީދާއެވެ. އަދި ކޮމިޝަންގެ ނައިބު ރައީސްއަކީ އަހުމަދު ގައިސްއެވެ. ދެން އެ ކޮމިޝަންގައި އިންނަވާ މެންބަރުންނަކީ އަލީ ޔޫސުފު، އައިމިނަތު އަމީނާ (އަނާ)ގެ އިތުރުން އައިމިނަތު ސަހާރަތު އިއްޒަތާއި، މެންބަރު އަމްޖަދު ވަހީދެވެ.