މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްއަށް ސަފާ އައްޔަންކުރަން ރުހުންދީފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ދ. މީދޫ، ބިއްލޫރިވިލާ، ސަފާ ޝަފީގު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބްރޯޑްކޮމްގެ މެންބަރު ކަމަށް ސަފާ ޝަފީގު އައްޔަން ކުރަން ފެންނަ ކަމަށް 40 މެންބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވާއިރު ވަކި ކޮޅަކަަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވި އެވެ.

ބްރޯޑްކޮމްގެ މެންބަރު އަމްޖަދު އިބްރާހީމްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރުހުން ދިނީ ސަފާ ޝަފީގުގެ އިތުރުން ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަންބަރު ރސ 5143 އަށެވެ،

ބްރޯޑްކޮމްއަށް ޝިހާމް އައްޔަންކުރުމާމެދު ގޮތެއް ނިންމުމަށް މިއަދު ނެގި ވޯޓުގައި، ބްރޯޑްކޮމްއަށް ޝިހާމް އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ. ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި އެވެ.

މީގެ އިތުރުން ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ގައިސް މިއަހަރުގެ ޖެނުއަރީ މަހު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ގައިސް އިސްތިއުފާ ދެއްވުމުން ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަސް ނަމެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.

ބްރޯޑްކޮމް އިން ގައިސް އިސްތިއުފާ ދެއްވުމުން މެންބަރުކަމަށް ކުރިމަތިލެއްވީ އާމިނަތު ނުޒުހާ، ރިވޯޑު، ހއ. ހޯރަފުށި، އާއި މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގެ، ގދ. ތިނަދޫ އާއި މަރްޔަމް މުނާ، ބޯގަންވިލާ، ސ. ފޭދޫ އާއި ޝާން ސޯލިހް މުހައްމަދު، ފިނިވާދީގެ، ދ. ކުޑަހުވަދޫ އަދި ހުސެއިން އަމްރު، ވ. ރޯޝަން އެވެ.

ގައިސް އިސްތިއުފާ ދެއްވުމުން ބްރޯޑްކޮމްއަށް ކޮމެޓީއަށް ހުށަހެޅުނު ނަންތަކުގެ ތެރެއިން ކޮމިޓީން ރުހުންދިނީ އާމިނަތު ނުޒުހާ އާއި ހުސައިން އަމްރު އަދި ނަރީމާން ޝަރީފު އަށެވެ.