ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ރަށްތަކުގައި މާދަމާއިން ފެށިގެން ވަކި ވަގުތުތަކެއްގައި ކާފިއު ހިންގަން ނިންމައިފި އެވެ.
އައްޑޫ ސިޓީގައި ދެ ކްލަސްޓާއެއް ވަނީ އުފެދިފައެވެ. މިހާތަނަށް އެ ސިޓީން 48 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭއިން މިރޭ ވަނީ އެ ސިޓީގައި ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ.
އެގޮތުން މާދަމާއިން ފެށިގެން އަމަލުކުރަން ޖެހޭ ގިނަ ފިޔަވަޅުތަކެއް ވަނީ އާންމުކޮށްފައެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ރޭގަނޑު 8 ކުން ފަތިހު 4އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ އެވެ. ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި އައްޑޫ ސިޓީގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަންވެސް ވަނީ އަންގާފައެވެ.
އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން މަނާކޮށް ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދު ކުރަން ވަނީ އަންގާފައެވެ. ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް އަދި ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުންވެސް ވަނީ ހުއްޓާލާފައެވެ. ހޮޓާ/ކެފޭ، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ.
މީގެ އިތުރުން މިރޭ ފަތިސް ނަމާދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް އައްޑޫ ސިޓީގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތް ނުހެދުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.