ހިޔާ މަޝްރޫއު

ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓް ނެރެފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ލިބޭ މީހުންގެ ދާއީމީ ލިސްޓް އާންމު ކޮށްފި އެވެ.

މިއަދު އާންމު ކުރި ލިސްޓްގައި 6،720 މީހެއްގެ ނަން ހިމަނާފައި ވެއެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ވަނީ 7،000 ފްލެޓެވެ. އެ ފްލެޓްތަކަށް 25،000 ވުރެ ގިނަ މީހުން ފޯމް ހުށައެޅި އެވެ.

ފްލެޓް ލިބޭ ދާއީމީ ލިސްޓް ސަރުކާރުގެ ގެޒެޓް ގައި ވަނީ ޝާއިއު ކޮށްފަ އެވެ. ގިނަ ބަޔަކު ގެޒެޓަށް ވަންނަން މަސައްކަތް ކުރުމުން ގެޒެޓްގެ ވެބްސައިޓް ގިނަ އިރުތަކަކަށް ޑައުންވެސް ވިއެވެ. ނަމަވެސް ގަޑިއެއްހާއިރު ފަހުން ގެޒެޓްގެ ވެބްސައިޓަށް އުނދަގުލުން ވަދެވެ އެވެ.

ފްލެޓް ކޮމެޓީން ބުނީ ކޮންމެ ކެޓަރީއެއްގެ ދާއިމީ ލިސްޓް ވެސް ނެރެފައި ވަނީ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ. އަދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި، ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވެ ފްލެޓް ލިބިފައި ނުވާ ފަރާތްތައް ޝަރުތު ހަމަ ނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބު ބަޔާން ކޮށްފައި ވާނެ ކަމަށެވެ.

އަދި ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ހަވާލު ކުރެވޭނީ އެއް ފްލެޓް ކަމުގައިކަމަށް ވާތީ، ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ދެމަފިރިންގެ ނަން ހިމެނިފައިވާނީ ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެއް ފަރާތެއް ފޯމު ހުށަހަޅާފައިވާ ކެޓަގަރީ އެއްގައި ކަމަށް ވެސް ބުންޏެވެ. ދާއިމީ ލިސްޓު އިއުލާންކުރުމުން، އެ ފަރާތަކަށް ފްލެޓް ހަވާލުކުރެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ އިން ފްލެޓް ހަވާލުކުރުމުގެ ޕްރޮސެސްގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަަށްވެސް ބުންޏެވެ.

ވަގުތީ ލިސްޓްގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިން ޕްރޮގްރާމެއްގެ ދަށުން ފްލެޓް / ރޯހައުސް / ގޯތި ލިބި އެގްރީމެންޓްގައި ސޮއި ކޮށްފައިވާ ފަރާތްތައް، ދާއިމީ ލިސްޓުން އުނި ކޮށްފައިވާ ކަމަށް ވެސް ފްލެޓް ކޮމެޓީން ވަނީ ބުނެފަ އެވެ.

ކުރީ ސަރުކާރުން އިމާރާތް ކުރި ހިޔާ ފްލެޓްތައް ދޭނެ ބަޔަކު ނިންމާ ކުރީ ސަރުކާރުންވެސް ލިޔުން ދޫކުރިއެވެ. މި ސަރުކާރުން އުފެއްދި ފްލެޓް ކޮމެޓީން އެ ލިސްޓަށް ބަދަލު ގެނެސް އެތަށް ބަޔަކު ވަނީ ލިސްޓުން އުނިކޮށްފައެވެ. އެކި ކެޓަގަރީތަކުން މިހާތަނަށް އާންމުކުރި ވަގުތީ ލިސްޓަށް ގިނަ ބަޔަކު ވަނީ އެތަށް ސަތޭކަ ޝަކުވާއެއް ހުށައަޅާފައެވެ.

ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން ޝަކުވާތައް ފުނިޖެހުނުއިރު ސަރުކާރުން އުފެއްދި ފްލެޓް ކޮމެޓީން ވަނީ ހުރިހާ ޝަކުވާތަކަކަށްވެސް ޖަވާބު ދީފައެވެ. އަދި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާލި މިންގަނޑާމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދިއުމުން މީގެ ކުރިން އެ މިންގަނޑުވެސް ފްލެޓް ކޮމެޓީން ވަނީ އާންމު ކޮށްފައެވެ.

ފްލެޓް ކޮމެޓީން މަސައްކަތް ކުރީ މިދިޔަ އަހަރުގެ ފަހު ދުވަހު ދާއިމީ ލިސްޓް އާންމު ކުރުމަށެވެ. ނަަމަވެސް އެކަން ނުކުރެވުނީ ހުރިހާ ޝަކުވާތަކަށް ޖަވާބުދީ ހައްގު މީހުންނަށް ފްލެޓް ދިނުމަށް ޝަކުވާ ނުކުރެވޭނެ ފަދަ ދާއީމީ ލިސްޓެއް ނެރުމަށް ކަމަށް ފްލެޓް ކޮމެޓީން ބުންޏެވެ.