ހައްޔަރުކޮށް ދޫނިދޫގައި ބަހައްޓާފައި ހުންނެވި ނައިބު ރައީސް އަހުމަދު އަދީބުގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން މަޖިލީހަށް ހުށަހަޅާފައިވާ ގާރާރުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށް އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުން ނޯޓިސް ފޮނުވައިފި އެވެ.
ނައިބު ރައީސްގެ ވަކީލު ހުސައިން ޝަމީމްވަނީ އެކަން ކަށަރުކޮށް ދެއްވާފަ އެވެ. އޭނާ ވިދާޅުވ ނޯޓިސް ނައިބު ރައީސަށް ލިބިވަޑައިގެންފައިވާ ކަމަށާއި ނައިބުރައީސް ހުންނެވީ ޖަވާބުދާރީވާން މަޖިލީހަށް ވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ކަމަށާއި ވަޑައިގެން ޖަވާބުވެސް ދެއްވާނެ ކަމަށެވެ.
އިއްޔެ 52 މެންބަރުންގެ ސޮޔާއެކު ވެއްދި މައްސަލައަށް ޖާވާބުދާރީވުމުގެ ނޯޓިސް ނައިބު ރައީސަށް ފޮނުވީ މިއަދު އެވެ.
ސަރުކާރު ކޯލިޝަނުގެ މެމްބަރުން އިސްނަގައިގެން ނައިބު ރައީސް އަހްމަދު އަދީބުގެ އިތުބާރު ނެތްކަމަށް 52 މެމްބަރުން ސޮއިކޮށް މައްސަލަ ހުށަހެޅީ އިއްޔެގެ ވަގުތެއްގައެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭނީ، މައްސަލަ ރައްދުވާ ފަރާތަށް 14 ދުވަހުގެ ނޯޓިސް ދީފަ އެވެ.
ނައިބު ރައީސަށް ނޯޓިސް ފޮނުވި އިރު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ރޭ ވިދާޅުވީ ޖުމްހޫރީ ދުވަސް، ނޮވެމްބަރު 11 އަންނާނީ ނައިބު ރައީސްގެ މަގާމުން އަހުމަދު އަދީބު ދުރުކުރުމަށް ފަހު ކަމަށާއި މަޖިލީހުގައި އެމަނިކުފާނު މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓް ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
މެޖޯރިޓީ ލީޑަރު ވިދާޅުވީ މިއަދާ ހަމައަށް އާއިރު ރައީސް އަވަހާރަކޮށްލަން ދިން އުދުވާނީ ހަމަލައަށް ތުމަތު ކުރެވޭ މީހަކަށްވީ ނައިބު ރައީސް އަހުމަދު އަދީބު ކަމަށާއި އެހެންވެ އެކަމުގެ އެކަށޭނަ ހެކިތަކާއެކު ނައިބު ރައީސް އަދީބު މަގާމުން ދުރު ކުރުމުގެ ގަރާރު 52 މެންބަރުންނާއެކު ވެއްދީ ޔަގީން ކަމާއެކު ކަމަށެެވެ.
"ހުށަހެޅި އިތުބާރު ނެތްކަމުގެ ވޯޓަކީ [ތަހުގީގު] ޖަލުގައި ހުންނެވި ނައިބު ރައީސް މައްޗަށް ގާނޫނު އަސާސީ ބަޔާން ކުރާ މިންވަރަށް ސާބިތުވެ، އެ މަނިކުފާނަށް ދެން ރައީސުލް ޖުމްހޫރިއްޔާއަް އެހީތެރިވެދެއްވޭނެ ގޮތެއް ނެއްކަން ކަށަވަރުމުން ވެއްދި ގަރާރެއް. ގާނޫނު އަސާސީ 100 ވަނަ މާއްދާގެ ގައިވާ ހަމަތަކުގެ ތެރެއިން. އެ ހަމައިގެތެރެއިން އިތުބާރު ނެތްކަމުގެ ވޯޓްނަގަން ޖެހޭ، އެއީ އިތުބާރު ގެއްލުނުމީ 90 ވަރަކަށް ދުވަސްތެރޭގައި،"
އޭނާ ވިދާޅުވި މި ގަރާރު ވައްދާފައި ވަނީ ރައީސް ނޫނީ ކެބިނެޓުން އެދިގެން ނޫން ކަމަށާއި އެއީ މިނިވަން ކަމާއެކު ޕީޖީ ގްރޫޕުން ނިންމި ނިންމެއް ކަމަށެވެ. އެކަން އެގޮތަށް ކުރީ ގާނޫނުއަސާސީ 17 ވަނަ މާއްދާގައި ބުނާ ހަމަތަކުގެ މަތިން ކަމަށެވެ.
މި ގަރާރު ވެއްދުމުގައި ޕީޕީއެމާއި އެމްޑީއޭ އާއި ޖޭޕީ ބައިވެރިވި އެވެ. އެ ތިން ޕާޓީގެ މެންބަރު އެކުވުމުން 59 މެންބަރުން ހަމަވާއިރު ވޯޓަށް ވޭނުންވަނީ 57 އެވެ.
"މިކަން ނިމޭ 57 ވޯޓުން. އެކަމަކު އިތުރަށް އެއްވޯޓްލައިގެން 58 ކަމަށް ބަލާނީ، އެހެންވީމާ 14 ދުވަހުގެ ތެރޭގައި އަޅުގަނޑުމެނަށް ނައިބު ރައީސް އަދީބު މަގާމުން ދުރުކޮށް ފޮނުވާލެވޭނެ، މިކަމުގައި ވަރަށް ޔަގީންކަން އެބައޮތް އިތުބާރު އެބައޮތް" ނިހާން ވިދާޅުވި އެވެ. "މިކަމުގައި އަޅގަނޑުމެން އެމްޑީޕީގެ އެހީ ހޯދަން ވާހަކަ ދައްކާކަށްވެސް ނުޖެހޭ ނުވެސް ދައްކަން"
ނިހާން ވިދާޅުވީ މިއަދު ގަރާރު ވެއްދި އިރު 52 ސޮއި އޮތީ ބައެއް ބޭފުޅުން ދަތުރުތަކުގަ އާއި ބޭރުގައި ތިއްބެވުމުން ކަމަށާއި މި މައްސަލަ ވެއްދި ތްރީލައިން ވިޕެއްގެ ތެރެއިން އިއްތިފާގުން ފާސްކޮށްގެން ކަމަށެވެ.
"މީ ވަރަށް ފަސޭހަ ވޯޓެއް ވަރަށް ޔަގީން ކަން އެބައޮތް ނޮވެމްބަރު 11 އަންނާނީ މި ވޯޓް ނަގައިގެން އަހުމަދު އަދީބު މަގާމުން ދުރުކޮށްގެން،"
އިތުބާރުގެ ވޯޓް ކުރިޔަށްދާ އުސޫލު
އިތުބާރުގެ ވޯޓް ކުރިޔަށްދާ އުސޫލު ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގައި ބަޔާންކޮށްފައިވާ މައްސަލަ ތަހުގީގުކޮށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކާއި އެ މައްސަލަ މަތިކުރެވިދާނެ އެވެ. ނައިބު ރައީސް ގާމުން ވަކިި ކުރުމުގެ ބަހުސު މަޖިލީހުގައި ފެށުމުގެ 14 ދުވަސް ކުރިން ނާއިބު ރައީސް އަންގަންޖެހެ އެވެ. ދިފާއުގައި އަނގަބަހުންނާއި ލިޔުމުން ވެސް ނާއިބު ރައީސް އަށް ޖަވާބުދާރީ ވުމުގެ ހައްގު ނައިބު ރައީސަށް ލިބޭނެ އެވެ. ގާނޫނީ ވަކީލުން ވެސް ބޭނުން ކުރެއްވިދާނެ އެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން ވަކި ކުރަން މަޖިލީހަށް ވެއްދޭނީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން މެންބަރުންގެ ތިން ބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާ އެކު ސަބަބު ބަޔާންކޮށެވެ. ނާއިބު ރައީސްގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓުގައި މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓު ލިބެންޖެހެ އެވެ. އެއީ 57 މެންބަރުންގެ ވޯޓެވެ. މަޖިލީހުގައި ތިއްބަވަނީ 85 މެންބަރުންނެވެ.